އަންނަ އަހަރު ގަތަރުގައި ވާއްވާ ފީފާ ވޯލްޑް ކަޕު މުބާރާތައް ކޮލިފައިވުމަށް ރޭ ކުޅުނު ޔޫރަޕް ކޮލިފައިން މެޗުތަކުން ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި ބެލްޖިއަމް މޮޅުވެއްޖެއެވެ.
ކޮލިފައިން ގްރޫޕް އީގައި ރޭ ވޭލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ބެލްޖިއަމުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވޭލްސްއިންނެވެ. އެގޮތުން މެޗު ފަށައިގެން 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ވިލްސަނެވެ. އެކަމަކު ފުރަތަމަ ހާފުގެ ހަ މިނެޓު ތެރޭ ދެ ލަނޑު ޖަހައި، ބެލްޖިއަމުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ޖެހި ލަނޑުން ބެލްޖިއަމުން ނަތީޖާ އެއްވަރުކުރިއިރު، އޭގެ ހަ މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ތޯގަން ހަޒާޑެވެ. މި މެޗުގައި ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
ވޭލްސް ބަލިކޮށް ބެލްޖިއަމުން ކޮލިފައިންގެ ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގެ އަނެއް މެޗުން ރޭ ޗެކް ރިޕަބްލިކް ވަނީ ރަށުން ބޭރުގައި 6-2 ގެ ނަތީޖާއަކުން އެސްޓޯނިއާ ބަލިކޮށްފައެވެ.
ކޮލިފައިން ގްރޫޕް އޭގައި ހިމެނޭ ޕޯޗުގަލް ރޭ މޮޅުވީ އަޒަރުބައިޖާން އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޕޯޗުގަލުގެ ހޯމް މެޗު ކުޅެފައިވަނީ އިޓަލީގައި ހުންނަ ޔުވެންޓަސްގެ ދަނޑުގައެވެ. މި މެޗުގައި ޕޯޗުގަލުން އަޒަރުބައިޖާނުގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް އެ ހަމަލާތައް ހުއްޓުވުމުގައި އެ ޓީމުގެ ގޯލްކީޕަރާއި ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުން ޕޯޗުގަލް މޮޅުވި ހަމަ އެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖެހިއިރު، މި ލަނޑަކީ އަޒަރުބައިޖާނުގެ މަކްސިމް މެޑްވެޑޭވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އަޒަރުބައިޖާން ބަލިކޮށް ޕޯޗުގަލުން ކޮލިފައިންގެ ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގެ އަނެއް މެޗުން ރޭ ސާބިއާ ވަނީ އަޔަލެންޑް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް