މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތައް ބަންދު ކުރަން އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރިފައިވާ އެންގުމެއްގައި ވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ޕާކުތަކައި މައިޒާންތައް ބަންދުކޮށްފައި އޮތް އޮތުން ބާޠިލު ކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާާފައިވާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގައި ވަކި ވަގުތެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުން ބާތިލްކޮށް، ހުރިހާ ވަގުތެއްގައި ވެސް ވެހިކަލް ދުއްވޭގޮތަށް ވެސް ހުއްދަ ދީފައި ވެއެވެ. ނަމަވެސް ރޭގަނޑު11 އާއި ފަތިހު4:30 ދެމެދު މަގިމައްޗާއި، އާއްމު މީހުން އެއްވާ ތަންތަނަށް ނުކުމެ އުޅުން އަދިވެސް އޮތީ މަނާކޮށްފައެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މިހާރު އަޅާފައިވާް ފިޔަވަޅުތަކުގެ ތެރޭގައި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމާއި، ދުވުމަށް ޙާއްސަ ކޮށްފައިވާ ޓެރެކްތަައް ބަންދު ކުރުން ހިމެނެއެވެ.
މީގެ އިތުރުން، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ކުދިން ހާޒިރުވެ ކިޔެވުން އަދިވެސް އޮތީ މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް