ބޭނުން ޖެހެންވާއިރަށް ޗައިނާގެ އެހީ ރާއްޖެއަށް ފޯރާނެ ކަމުގެ ޔަގީންކަން އޮވޭ: ރައީސް

ކޯވިޑް-19 އާއި ގުޅިގެން ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ އެހީތައް ނުލިބިގެން އަދި ލަސް ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާއި...

25 Mar 2020 | 18:43

ކޯވިޑް-19 އާއި ގުޅިގެން ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ އެހީތައް ނުލިބިގެން އަދި ލަސް ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްް ކަމަށާއި ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ޗައިނާ އޮންނާނީ ތައްޔާރަށް ކަމަށެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން އެގައުމުން ރާއްޖެއަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އެ އެހީތައް ރާއްޖެއަށް ނުފޯރައިގެން އުޅެނީ ހުރިހާ ގައުމެއްގައި ހެން ވައިގެ ދަތުރުތައް ހުއްޓާލާފައިވާތީ ފޮނުވޭނެ ރޫޓެއް ނެތިގެން ކަމަށް ޗައިނާއިން އަންގާފައިވާ ކަމަށެވެ. އެކަމާ ސަރުކާރުން ހާސް ނުވާ ކަމަށާއި އެއީ މިވަގުތު ރާއްޖެ އޮތީ ވަގުތުން ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު މަދުވެގެން އުޅޭ ހާލަތުގައި ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ފްލައިޓެއް ޗާޓާ ކޮށްގެން ވިޔަސް ޗައިނާއިން ރާއްޖެއަށް އެހީ ފޮނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަން ބަލި ފެތުރެމުންދާ ގައުމުތަކަށް ޗައިނާއިން ފޮނުވަމުންދާ އެހީތަކުން އެނގިގެންދާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ޗައިނާގެ ރައްޔިތެއްކަމަށްވާ އަލީބާބާގެ ފައުންޑާ ޖެކް މާ ރާއްޖެއަށް ދޭ އެހީތައް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެތަކެތި ހިފައިގެން އަންނަ ފްލައިޓު މިހާރު އޮތީ ސިންގަޕޫރުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ޗައިނާ ވަނީ ކޮރޯނާ ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއިން އެންމެ ބޭނުންވާ ތަކެތީގެ ލިސްޓެއް ނަގާފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް