ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ޓޫރިސްޓުން ގައުމަށް އަނބުރާ ދިއުމަށް ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ރާއްޖެއިން ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބައެއްމީހުން ފެނިފައިވާކަމަށާއި އަދި މި ބިއްޔާއި ގުޅިގެން ދަތުރު ކުރުން މަނާ ކުރުމާއި ބޯޑަރުތައް ބަންދު ކުރުން ފަދަ ގިނަ ފިޔަވަޅުތައް ގައުމުތަކުން އަޅަމުންދާކަމަށެވެ. އެގޮތުން ރައްޖެއިން ވެސް ކުއްލިއަކަށް އެފަދަ ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، އިނގިރޭސިވިލާތަށް އަނބުރާ ދިއުމަށް ރާއްޖޭގައި ތިބި އެ ގައުމުގެ ޓޫރިސްޓުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.
އިނގިރޭސިވިލާތުގެ ޓޫރިސްޓުން ގައުމަށް އަނބުރާ ދެވޭނެ ބައެއް ފްލައިޓްތައް މިހާރު ވެސް ރާއްޖެއިން ދަތުރު ކުރާ ކަމަށް އެ އެޑްވައިޒަރީގައި ފާހަގަ ކޮށްފައިވެ އެވެ.
އެކަމަކު ފްލައިޓްތަކުގެ ވަގުތުތަކަށް ބަދަލު އައިސްދާނެ ކަމާއި އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓުން ދަތުރު ކުރެވޭނެ ކަން ކަށަވަރު ކުރަން ވެސް ހައި ކޮމިޝަނުން އިލްތިމާސް ކޮށްފައިވެ އެވެ.
ރާއްޖެއިން 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރެއިން އަށް މީހަކު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް