ހަފްތާއެއް ތެރޭ ހުރިހާ ރިސޯޓެއް ބަންދު ކުރާނެ، މުވައްޒަފުންނަށް ދެރަ ގޮތެއް ނެހެދުން އެދެން!

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައް...

25 Mar 2020 | 15:56

ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަންނާނެ އިތުރު ޓޫރިސްޓަކު ނެތުމުން50 ރިސޯޓު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ރިސޯޓެއްހެން ބަންދު ކުރާނެ ކަމަށެވެ.

މިވަގުތަކީ ވިޔަފާރިވެރިންނަށް ދަތި ވަގުތެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އުންމީދު ކުރަނީ މުވައްޒަފުންނަށް ދެރަގޮތެއް ނަހަދާ ވަޒީފާގައި ދަމަހައްޓާނެ ކަމަށެވެ. މިއަދު އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަނީ އިތުރު ގޮތެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކޮންމެ ދުވަހަކު މިލިއަނުން މީހުންގެ ވަޒީފާ ގެއްލެމުން ދިޔަޔަސް ރާއްޖޭގައި އަދި އެހާލަތަށް ނުދާ ކަމަށް ވިދާޅުވި އެވެ. އަދި އެހާލަތަށް ދިއުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނާއި މުވައްޒަފުން ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ވެދެވެން ހުރި ކޮންމެ އެހީތެރިކަމެއް ވެދޭނެ ކަމަށެވެ.

އެގޮތުން ޓޫރިސްޓް ރިސޯޓުތައް ހިންގާ ފަރާތްތަކަށް އަންނަ ހަފްތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށާއި އެ ލޯނު ދައްކަން ފަށަން ޖެހޭނީ ހަމަސް ފަހުން ކަމަށް ވިދާޅުވި އެވެ. އޭގެން މިހާރު ރިސޯޓުތައް ބަންދުކޮށްފައި ހުންނަ ދެތިން މަހަކަށް ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެހޭނެ ކަމަށެވެ.

އިތުރަށް ވިދާލުވީ މި ހާލަތު ބަދަލުވާނީ ކޮން އިރަކު ކަމެއް އެކަކަށްވެސް ބުނެދޭން ނޭނގޭ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން ރިސޯޓުތަކުގައި ތިބި މުވައްޒަފުން ރިސޯޓުތަކުން ފޭބުން ވަނީ މަނާކޮށްފައި އެވެ. އެ މުއްދަތު މާދަމާ ހަމަވާއިރު ރައީސް މިއަދު ވިދާޅުވީ ރިސޯޓުން އެންމެ ފަހު ޓޫރިސްޓު ފުރައިގެންދާ ދުވަހުން ފެށިގެން14 ދުވަހު ރިސޯޓުގައި މަޑު ކުރުމަށް ފަހު މުވައްޒަފުންނަށް ރިސޯޓުން ފޭބުމުގެ ހުއްދަ ލިބޭގޮތަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް