ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ފައިނޭންސިންގ ތަކަށް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާއިރު ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދޭ އުސޫލާއި އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
މިގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސްދުވަހަށް ފަސްކޮށްފައި ކަމަށް ބުނެފައިވެއެވެ.
އަދި މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށްވެސް މިވަނީ ހަ މަސްދުވަސް އިތުރު ކުރެވިފައެވެ. އަދި މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ ހަ މަހަށް ފަހު، ޖެހިގެން އަންނަ ހަ މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު %20 މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް މިވަނީ ހަމަޖެހިފައި ކަމަށްވެސް ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށް ބުނެފައިވާއިރު ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމުގައި ބުނެފައިވެއެވެ.
މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށާއި ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަރޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި 6 މަސްދުވަހު ދަައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެއެވެ." ބީއެމްއެލްއިން ބުނެފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބީއެމްއެލް އިސްލާމިކް އިން ދޫކޮށްފައިވާ ޕަރސަނަލް، ހައުސިންގ އަދި ބިޒްނަސް ފައިނޭންސިންގ އަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާއިރު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ފައިނޭންސިންގ އަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށާއި މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ފައިނޭންސިންގ ގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް އިންވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް