ކާޑުގެ ބާވަތްތައް ނުލިބިދާނެތީ ހާސްނުވުމަށް އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
އިންޑިއާ ރޭ ދަންވަރު12:00 ފެށިގެން ކުރިޔަށް އޮތް21 ދުވަހަށް އޮތީ ލޮކް ޑައުން ކޮށްފައި އެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މުޅި އިންޑިއާ ބަންދުކޮށްފައިވީ ނަމަވެސް އެ ގައުމުން ރާއްޖެ އަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށާއި އެކަމާ ހާސްނުވުމަށް އެދޭ ކަމަށެވެ. އެ ޓުވީޓުގައި ބުނެފައިވަނީ ކުރިއެކޭވެސް އެއްގޮތަށް ހަނޑޫ، ހަކުރު އަދި ފުއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.
އެގޮތުން މިހާރު ވެސް 20 ދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ އަށް ފޮނުވާފައިވާ ކަމަށާއި އެ ޝިޕްމަންޓް ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށް ބުނެފައިވެ އެވެ. މިހާރު ރާއްޖެ އައުމުގެ މަގުމަތީގައި ހުރި ބާވަތްތަކުގެ ތެރޭގައި 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު ހިމެނެ އެވެ.
އިންޑިއާ އެމްބަސީން ބުނީ ލޮކް ޑައުން ކުރުމުން ދިމާވާނެ ހަމައެކަނި މައްސަލައަކީ ލޮޖިސްޓިކްގެ އުނދަގޫތަކެއް ކަމަށެވެ.
https://twitter.com/HCIMaldives/status/1242742820818935808
އިންޑިއާއިން މުޅި ގައުމު ލޮކް ޑައުން ކުރީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގޭގައި މީހުން ތިބުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މި ފިޔަވަޅު ނާޅައިފި ނަމަ ވައިރަސް އެ ގައުމު21 އަހަރު ފަހަތަށް ޖައްސާލާނެ ކަމަށެވެ.
އިންޑިއާ އިން 519 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 10 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް