އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާފައިވާ އެންގުމަކާއި ހިލާފުވި ފަސް ކެފޭއެއް ޖޫރިމަނާ ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މީގެ ތެރެއިން ދެ ކެފޭއެއް ޖޫރިމަނާ ކުރީ މިމަހުގެ20 ވަނަ ދުވަހު ޝީޝާގެ ހިދުމަތް ދީފައިވާތީ ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތް ދީގެން އެއް ކެފޭ ޖޫރިމަނާ ކުރީ މިމަހުގެ22 ވަނަ ދުވަހު އެވެ. އަނެއް ދެ ކެފޭ ކާބޯތަކެތީގެ ހިދުމަތް ދީގެން ޖޫރިމަނާ ކުރީ އިއްޔެ އެވެ.
ފުލުހުން ބުނީ އެ ފަސް ކެފޭ ޖޫރިމަނާ ކުރީ5،000 ރުފިޔާއިން ކަމަށެވެ.
ޑައިރެކްޓާ ޖެެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމަކުން ކެފޭ ރެސްޓޯރެންޓުތަކުގެ ޑައިނިން ހިދުމަތް ހުއްޓާލަން އެންގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ12:00 ފެށިގެންނެވެ. އެކަމަކު އެތަންތަނަށް ޑެލިވަރީ އާއި ޓޭކް އަވޭގެ ހިދުމަތް ދިނުމުގެ ހުއްދަ އޮވެ އެވެ.
ރާއްޖޭގެ އެއްވެސް ރަށެއްގައި ޝީޝާ ބުއިމާއި ހިދުމަތް ދިނުން މަނާ ކުރީ މިމަހުގެ19 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފުވާ ފަރާތްތަކުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް