ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންް ދެ ވަނަ އަށް މިހާރު އެންމެ ގިނައީ ސްޕެއިންގައި އެވެ.
ސްޕެއިނުން މިހާތަނަށް 42،058 މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އިރު 2،991 މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު ސްޕެއިންގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންމެސް ވަރަކަށް ދަށްވިއެވެ.
އެކަމަކު މިދިޔަ ދެތިން ދުވަހަކީ އެގައުމުގެ ސަރުކާރުން ގަބޫލް ކުރަން ބޭނުންނުވާ މަންޒަރުތަކެއް ފެނިގެންދިޔަ ދެތިން ދުވަސް ކަމަށް ސްޕެއިން ސަރުކާރުން ބުނެފައިވެ އެވެ. ވައިރަސް ޖެހިގެން އުމުރުން ދުވަސްވީ އެތައް ބަޔަކު މަރުވެފައި ގޭގައި ތިބޭތަން ފެންނަން ފަށާފައި މި ހަފްތާގައި އެވެ.
ސްޕެއިންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމްތަކަށް މުސްކުޅިން ބަލަހައްޓާ ގޭގެއިންނާއި އާންމުންގެ ގޭގެއިން މަރުވެފައި ތިބޭ ދުވަސްވީ މީހުން ފެންނަމުންދާ ކަމަށެވެ. އަދި އެމީހުންނަށް ބަލި ޖެހުމުން އެކަނިމާ އެކަނި ބާއްވާފައި އާއިލާ މީހުން ނުވަތަ އެމީހުން ބަލަހައްޓާ މީހުން ދަނީ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އެގޮތުން މުސްކުޅިން ބަލަހައްޓާ ގެއެއްގައި މީހުން ބަލަހައްޓާ މުވައްޒަފަކާއި ހަވާލާދީ ސްޕެއިންގެ އޮފިޝަލަކު ބުނެފައިވަނި މުސްކުޅިންގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އެމީހުންގެ އެނދުގައި ބާއްވާފައި މަސައްކަތް ކުރާ މީހުން ރައްކާތެރިކަން ހޯދުމަށް ވަޒިފާ ދޫކޮށްލާފައި ދަނީ އެވެ.
އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނީ އާންމުންގެ ގޭގެއިން ފެނުނު މުސްކުޅިން މަރުވުމުން ވަސް ނުދުވާ ގޮތް ހަދަން މުޅި ގެ ފިނިކޮށްފައި އެމީހުންގެ ދަރިން ނުވަތަ ބަލަހައްޓާ މީހުން ގޮސްފައިވާ ކަމަށެވެ. މިގޮތަށް ހަދާފައިވާ ކަމަށް ބެލެވެނީ ވަޅުލުމުގެ އިންތިޒާމް ހަމަނުޖެހި ގިނަ އިރުވާތީ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ސްޕެއިން ސަރުކާރުން ބުނީ މަރުވާ މީހުންގެ އަދަދު ގިނަ ކަމުން ވަޅުލުމުގެ އިންތިޒާމް ހަމަޖައްސަން މިހާރު ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ ނިންމާފައިވަނީ އިންތިޒާމްތައް ހަމަޖެހެންދެން މަރުވާ މީހުން ފިނިކޮށްފައި ހުންނަ ވަކި ހޯލަކަށް އަޅާފައި ބެހެއްޓުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް