އަގުބޮޑުކޮށް ޓިކެޓު ވިއްކައިގެން ލަންކާގައި ތިބި ދިވެހިން ނުގެނެވޭނެ: މަބްރޫކް

ކޮރޯނާ ވައިރަސްއާއި ގުޅިގެން މުޅިން ހުއްޓުމަކަށް ގެނެސްފައިވާ އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އަގު ބޮޑުކޮށް ޓިކެޓު ވިއްކާކަމަށް ވާހަކަ ދެކެވެމުނ...

25 Mar 2020 | 08:26

ކޮރޯނާ ވައިރަސްއާއި ގުޅިގެން މުޅިން ހުއްޓުމަކަށް ގެނެސްފައިވާ އަވައްޓެރި ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެންނަން ކަމަށް ބުނެ އަމިއްލަ ފަރާތަކުން އަގު ބޮޑުކޮށް ޓިކެޓު ވިއްކާކަމަށް ވާހަކަ ދެކެވެމުންދާތީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ލަންކާގައި ހުންނަ އެމްބަސީން އެގައުމުގައި ތިބި15،000 އަށްވުރެ ގިނަ ދިވެހިންނާއި ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގައި ތިބި ދިވެހިން ގެންނަން އަމިއްލަ ކުންފުންޏަކުން މަސައްކަތް ކުރާ ކަމުގެ ވާހަކަ އަޑުއިވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ސަރުކާރާއި އެކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.

އެކަމަކު އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އެގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ މަޝްވަރާތައް ލަންކާ ސަރުކާރާއި އެކު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެކި ގައުމުތަކުގައި މީހުންނަށް އެނބުރި ގައުމަަށް ނުދެވި މީހުން ތާށިވުމަކީ ރާއްޖެ އަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫން ކަަމަށާއި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އޮތީ އެ ހާލަތު ކަމަށެވެ.

ލަންކާގައި މިވަގުތު ކާފިއު އިއުލާނުކޮށް މުޅި ގައުމު ބަންދުކޮށްފައި އޮތުމުން މިހާތަނަށް އެމްބަސީއަށް ގުޅި މީހުން ގުޅާފައިވަނީ ބައެއް މައުލޫމާތުތައް ސާފު ކުރަން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ޒަރޫރީ ބޭނުންތަކެއް ހުރެގެން އެހީއަށް އެދުނީ ދެ ފަރާތަކުން ކަމަށް ވިދާޅުވި އެވެ.

އަދި ރާއްޖެ ނާދެވިގެން އުޅެނީ އެކި ބޭނުންތަކުގައި މިވަގުތު ލަންކާއަށް ޓޫރިސްޓު ވިސާގައި ގޮސްތިބި މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް