ކޮވިޑް-19 އާއި ދެކޮޅަށް ސްޕެއިން އިން ކުރަމުން ދާ ހަނގުރާމައިގައި ނޭޓޯގެ ކިބައިން އިންސާނިއްޔަތުގެ އެހީއަށް އެގައުމުގެ އަޝްކަރިއްޔާއިން އެދިއްޖެއެވެ.
ސްޕެއިންއަކީ މިވަގުތު ހަތަރުވަނައަށް އެންމެ ގިނައިން ކޮވިޑް-19 ޖެހިފައިވާ މީހުން ތިބި ގައުމެވެ. އެކަމަކު އިޓަލީ އަދި ޗައިނާ އާއި ޖެހިގެން ތިންވަނައަށް މިބަލީގައި މީހުން މަރުވެފައިވަނީ ސްޕެއިންގައެވެ. އެގައުމުން ފާއިތުވެ ދިޔަ 24 ގަޑިއިރުތެރޭގައި އެކަނިވެސް 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސްޕެއިން އެގައުމު ލޮކްޑައުން ކޮށްގެން މިބައްޔާއި ދެކޮޅަށް ކުރަމުން ދާ ހަނގުރާމައުގައި އަދި މާ ބޮޑު ކުރިއެރުންތަކެއް ނުލިބެއެވެ.
ސްޕެއިންއިން ނޭޓޯގެ އެހީއަށް އެދުނު ނަމަވެސް ނޭޓޯގައި ހިމެނޭ ގިނަ ގައުމުތަކުގައިވެސް ކޮވިޑް-19 ގެ ހާލަތު ގޯހެވެ. މިގޮތުން ނޭޓޯގެ އެންމެ ބާރުގަދަ ބައެއް ގައުމުތައް ކަމުގައިވާ، އެމެރިކާ، ޔުނައިޓެޑް ކިންގްޑަމް، އިޓަލީ، ޖާރމަނީ އަދި ފްރާންސުގައިވެސް މި ބަލީ ދަނީ ހަލުވި ކަމާއިއެކު ފެތުރެމުންނެވެ. މިވަގުތު ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ފަސް ގައުމަކީ އެމެރިކާ، ސްޕެއިން، އިޓަލީ، ޖާމަނީ އަދި ފްރާންސެވެ.
ސްޕެއިންގައި މިހާތަނަށް 42،000 އަށް ވުރެ ގިނަމީހުނަށް ކޮވިޑް-19 ޖެހިފައިވާ އިރު އެގައުމުން މިބަލީގައި 2،900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެގައުމުން މިބަލިން 3،700 އަށް ވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް ޖުމްލަ 423،000 އަށްވުރެ ގިނަ މީހުނަށް މި ބަލި ޖެހިފައިވާއިރު މި ބަލީގައި 18،900 އަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ. އަދި މިބަލިން 109،500 އަށްވުރެ ގިނަ މީހުން ވަނީ ފަސޭހަވެފައެވެ.
ދިވެހިރާއްޖޭގައިވެސް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު މީގެ ތެރެއިން ފަސް މީހެއް ވަނީ މި ބަލިން ފަސޭހަވެފައެވެ. ދިވެހި ސަރުކާރުންވެސް ދަނީ މިބަލި ރާއްޖޭގައި ފެތުރަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް