ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާ ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ފޮއްޓެއް ބަހައްޓައިފި އެވެ.
އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ ފޮއްޓަކީ ހޮސްޕިޓަލަށް މީހުން ޖަމާވުން މަދުކުރުމަށް ބަހައްޓާފައިވާ ފޮއްޓެއް ކަމަށެވެ. ކޮންމެ ފަރާތަކުންވެސް ބޭސް ބަދަލު ކުރަން ބޭނުންވުމުން ކުރީގެ ބޭސް ސިޓީ އެ ފޮއްޓަށް ލުމަށް އެދޭ ކަމަށެވެ.
އޭރުން އެ ސިޓީ ހޮސްޕިޓަލްގެ މުވައްޒަފުން ނަގައި އެ ބަލި މީހަކު ދައްކާފައިވާ ޑޮކްޓަރަށް ދައްކައި ބޭސް ސިޓީ އާ ކޮށްދިނުމަށް ފަހު އެ ފަރާތަށް ފޯނުން ގުޅައި ސިޓީ ނަގަން އަންނަން އަންގާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ލުއި ފަސޭހަ ގޮތްތަކަކަށް މި ދުވަސްވަރު ހަދައިދިނުމަށް ކަމަށެވެ. ޑރ. މުރާދު ވިދާޅުވީ ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް އެ ބޭސްތައް އައިޖީއެމްއެޗުންނާއި އާސަންދަ މެދުވެރިކޮށް ފާމަސީތަކުން ލިބޭނެ ކަމަށެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ ބައެއް މީހުންނަކީ ކޮންމެ ތިން މަހަކުން ލޭގެ ސާމްޕަލް ނަގައި ޓެސްޓު ހަދަން ޖެހޭ މީހުން ކަމަށެވެ. އެކަމަކު އެދިވަޑައިގެންނަވަނީ މި ދުވަސްކޮޅު ކޮންމެ ތިން މަހަކުން ޓެސްޓު ހެދުމުގެ ބަދަލުގައި އިތުރު ސިއްހީ މައްސަލައެއް ދިމާ ނުވާނަމަ ބޭސް ސިޓީ އާކޮށްގެން ބޭނުން ކުރުން ކަމަށެވެ.
ސިއްހީ މައްސަލައެއް ދިމާވާނަަމަ ހޮސްޕިޓަލަށް ގުޅައިގެން ކުރިޔަށް ދިއުމަށް އިލްތިމާސް ކުރެއްވި އެވެ.
އައިޖީއެމްއެޗުން ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ހޮސްޕިޓަލަށް ވަދެ ނުކުމެވާ ދޮރުތައް ބޭނުން ކުރުމަށް ބަދަލުތަކެއް ގެނެސްފައި އެވެ. އަދި އެ ހޮސްޕިޓަލަށް ދާ ހުރިހާ އެންމެންގެ ޓެމްޕަރޭޗާ ބަލަން ވަނީ ފަށާފައި އެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ވަންނަ އިރު އެމީހާގެ މައުލޫމާތު އޮޅުން ފިލުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް