ލޮކް ޑައުން ކުރާކަށް ނޫޅެން، މިކަން ރައްޔިތުންނަށް ވިސްނައިދޭނީ ކިހިނެތް: މަބްރޫކް

ރާއްޖެ ނުވަތަ މާލެ ސަރަހައްދު ލޮކްޑައުން ކުރަން ނޫޅޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާޏު މަބްރޫކް އަޒީޒް ވިދާޅުވީ ބޯޑަރު ބަންދ...

25 Mar 2020 | 01:42

ރާއްޖެ ނުވަތަ މާލެ ސަރަހައްދު ލޮކްޑައުން ކުރަން ނޫޅޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާޏު މަބްރޫކް އަޒީޒް ވިދާޅުވީ ބޯޑަރު ބަންދުކޮށް، ލޮކްޑައުންއަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި އަދި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ވައިރަހާއި ގުޅިގެން ކޮންމެ ދުވަހަކު ވަކި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާޢި އެކަމަކު އޭގެން އެއްވެސް ކަމެއްގެ ތެރޭގައި ބޯޑަރު ބަންދު ކުރުން ނުވަތަ ވަކި ސަރަހައްދެން ލޮކް ޑައުން ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެއްވެސް މައުލޫމާތެއް ސާފު ކުރުމެއް ނެތި ބައެއް ނޫސްތަކުގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރަން އުޅޭ ކަމުގެ ރިޕޯޓު ޖެހި އިރު މިކަމުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ކުރާނެ އަސަރު ވިސްނާލަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖެ ލޮކްޑައުންއަކަށް ނުދާން މިއުޅޭ ސަބަބު ރައްޔިތުންނަށް ނުވަތަ އެކަމަށް އެދެމުންދާ މީހުންނަށް ވިސްނައި ދޭނީ ކިހިނެތްކަން ނޭނގޭ ކަމަށެވެ. އޭނާާ ވިދާޅުވީ ރާއްޖެއަކީ އިގްތިސޯދުގެ ބޮޑުބައި ގައުމުން ބޭރަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށެވެ.

އާންމު ދިރިއުޅުމުގައި ބޭނުންވާ ސާމާނު ހޯދުމުގައި ދަތި ނުވާނެގޮތެއް ހޯދައި އާންމު ފަރުދުންގެ ވިޔަފާރިތަކަށް އަރާނެ ލޮޅުމަކުން ސަލާމާތް ކުރަން ސަރުކާރުން ބުރަ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅެއް ވަރަށް ވިސްނުންތެރިކަމާއި އެކު އަޅަން ޖެހެނީ މިހާލަތުން އަރައި ގަނެވޭނެ ދުވަހެއް ނޭނގޭތީ ކަމަށެވެ.

ބަލި ކޮންޓްރޯލް ވަމުންދާތަން ދުނިޔޭގެ ގައުމުތަކުން ނުފެންނަ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި ރާއްޖެ ބަންދުކޮށްގެން ތިބެންވީ ކިހާ ދުވަހަކަށް ކަމެއް އެއްގޮތަކަށްވެސް އަންދާޒާ ނުކުރެވޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކަމެއް ނިންމާނީ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކަށް ހުރިހާ ފަރާތަކުން ބަލާފައި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވައިގެ ބޯޑަރު ބަންދު ކުރަން ޓޫރިޒަމް ދާއިރާގެ ކުންފނިތަކުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ހުށަހެޅުއްވި ކަމަށް އިއްޔެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އާންމުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް5،000 އަށްވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ. އެކަމަކު ވައިރަސް އާއި ގުޅިގެން އެ އަދަދު މަދުވަމުން ގޮސް މިމަހުގެ23 ވަނަ ދުވަހު ރާއްޖެ އައިސްފައިވަނީ އެންމެ133 ޓޫރިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް