ޔާމީންއާ ވަކީލުންގެ މެދުގައި ކުރެވޭ ފޯން ކޯލުތައް ސަރުކާރުން އަޑުއަހާކަމުގެ ތުހުމަތު

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ދެމެދު ކުރައްވާ ފޯނު ކޯލްތަކުގެ އަޑު ސަރުކާރުން އަހާކަމުގެ ތުހުމަތު ކޮށްފި އެވެ. ޔާމ...

25 Feb 2021 | 18:53

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ދެމެދު ކުރައްވާ ފޯނު ކޯލްތަކުގެ އަޑު ސަރުކާރުން އަހާކަމުގެ ތުހުމަތު ކޮށްފި އެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔާމީނާއި އެކު ކުރާ ފޯނު ކޯލުތަކުގެ އަޑު އަހާކަމަށް ތުހުމަތު ކުރެވިފައިވާތީ އެއީ ސަރުކާރުން ހިންގާ ފިނޑި އަމަލެއް ކަމަށެވެ. ބަޔާނުގައި ވަނީ އެކަން ބެލުމަށް ފުލުހުންނާއި ކަރެކްޝަންސްއަށް އިލްތިމާސް ކޮށްފައި އެވެ.

ވަކީލުންނާ ދެމެދު ކުރާ ފޯން ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރިވެގެންވާ މުއާމަލާތްތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެކަމަކު މިފަހަކަށް އައިސް ވަކީލުން އިތުރު އެއްވެސް ފަރާތާ އެ ވާހަކަތައް ހިއްސާ ނުކުރަނީސް ބައެއް މީޑިއާތަކުން އެ ވާހަކަތައް އާންމު ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ

އެހެންވެ، ޔާމީނާއި ވަކީލުންނާ ދެމެދު ކުރާ މުއާމަލާތްތައް ސަރުކާރުން އަޑުއަހާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން ވަކީލުން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އެންގި ކަމަށެވެ. އެކަމަކު މިދުވަސްވަރު ކޯވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ ދަތުރުފަތުރު ކުރުން ރައްކާތެރިނުވާތީ އެ ބަޔާނުގައި ސޮއިކުރުން ފަސްކުރަން ވަކީލުން އެދުމުން ވެސް ފުލުހުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން ތަހުގީގު އަވަސް ކުރަންޖެހޭ ސަބަބެއް ނެތީސް، އަދި ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން އަންނަނިކޮށް އެމަނިކުފާނުގެ ތަހުގީގު ސަރުކާރުން އަވަސް އަރުވާލަނީ ރަނގަޅު ނިޔަތެއްގައި ކަމަށް ގަބޫލެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް