ކޯވިޑް-19 ވެކްސިން ދޭން މިހާތަނަށް ނުފެށެނީ އެންމެ ދެރަށުގައި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ލައްކަ އަކާއި ގާތް ކުރާ އަދަދަކަށް މީހުންނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވާއިރު ވެކްސިން ދޭން ނުފެށެނީ ދެ ރަށެއްގައި ކަމަށެވެ.
އެއީ ހއ. މުރައިދޫ އާއި ވ. ފުލިދޫގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ރަށަށް އެހެން ރަށްރަށުން މޮބައިލް ޓީމުތައް ފޮނުވައިގެން އަންނަ ހަފްތާގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ. އެކަމަކު ފުލިދޫ އާއި މުރައިދޫގައި ކޯވިޑް ވެކްސިން ދޭން ނުފެށި ލަސްވީ ކީއްވެ ކަމެއް ހާމައެއް ނުކުރައްވަ އެވެ.
މިހާތަނަށް ރާއްޖޭގައި 98 ހާހަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެ އެވެ.
މާލޭގައި ވެކްސިން ދެމުންދަނީ ނުވަ ސެންޓަރެއްގައި އެވެ، އަދި އަތޮޅު ތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖަހައިދެމުންދެ އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހުގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް