އެއްތަނެއްގައި ކަންކަން މަރުކަޒުވެ ހިފެހެއްޓިފައި އޮތުމަށްވުރެ ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒުވުން، އެ ހުފަފެނުގެ ތައުބީރަކީ ރަށްވެހިފަތިހަކަށް ފައްކާވެފައިވާ އެމްޑީޕީގެ ކެނޑިޑޭޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ އެމްޑީޕީ ކެމްޕޭން "ރަށްވެހި ފަތިސް" އަލިވިލުމަށް މިރޭ ބޭއްވި ލޯންޗިން ޖަލްސާގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އަމިއްލަ ކަންކަން އަމިއްލަ ބާރުގައި ގާތުން ނިމުމަށް ޢާންމު އިންސާނީ ފިކުރު އަބަދުވެސް ދީލެމުންދާކަމަށާއި އެހެން ވާންފެށީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. އަދި މި އެދުމައް ގެނެވޭ ގާނޫނީ ހަމައާ ، އިދާރީ ތަރުތީބަށް ކިޔާ ނަމަކީ ލާމަރުކަޒީ ނިޒާމް ކަމަށެވެ.
" ބާރުތަކާ ނިންމުންތައް މާދުރު ، މާ މަތީ އެހެން ތަނެއްގައި މަރުކަޒުވެ ހިފެހެއްޓިފައި އޮތުމުން ހަގީގަތުގައި އެ ހިފަހައްޓައި އޮބަހެއްޓެނީ މިނިވަންކަން - ތަރައްގީ އާ ކުރިއެރުން .
ކުރިން އެއީ ، ރަސްކަމުގެ ދަރުބާރުން - ރަދުންގެ ހިރިޔާފާތުރާގެ ދަށުން މެނުވީ އެއްވެސް ރައްޔިތަކަށް ހިރިނުލެވުނު މަރުކަޒީ ޒަމާން . އެއްވެސް ކަމެއް ނިކަމެތި ރައްޔިތުންނަށް ފަހިކޮއްދިނުމެއް އެއިރަކު ނޯވޭ . މަސް،ރޯނު،ބޮއްޔާއި ދަނޑިފަން އަދި ކުފުރާ އާ ކުރާ ހުރިހާ މަަަސައްކަތަކާ އެއްކުރި ކޮންމެ އެއްޗެއްގެ ވާރު ދައުލަތުގައި ކޮށާރު ކުރެވޭ. މީހުން ދިރިއުޅުނަސް ނޫޅުނަސް ހުރިހާ ރަށަކާ، އެންމެހާ ރައްޔިތުންނާ ، އެ ރައްޔިތުންގެ މުދަލާ ގެދޮރާއި ހަށި ފުރާނައިގެ އިހްތިޞޯސް އެއިރު ޢޮންނަނީ މަރުކަޒުކުރެވިފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތުގައި އޮތް އިހްތިޔާރަކާ ބާރެއް ދޫކޮށްލުމަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫންކަމަށެވެ.
" ހިތް ނޭދޭ މި ނިންމުން ހިލޭ ސާބަހަށް ، ހިތުން ރުހުމުން ނުނިންމޭތީ ވަމުންއައި ލަސްކަމެއް، މިއަދާ ހަމައަށް ވެސް މިއޮތީ ލަސްވެފަ" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލުކުރަންޖެހޭ ތަކުލީފުތައް އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު ކަމަށެވެ. އެ މަންޒަރާ އޭގެ ތަޖުރިބާ ރައްޔިތުން ކޮށްފިކަމަށާއި އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާ ބޮޑު ނިޔަތެއް އެމްޑީޕީގެ އެބައޮތް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އަދި އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެބާރުތައް އޭގެ ހަގީގީ މާނައިގާ އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން ކަމަށާއި އެއީ އެމްޑީޕީން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުމެންނަކީ ދިވެހީންގެ މައްޗަށް ހިންގާ އަމްރު މައުރޫފުގެ މުރަނަ ވެރިކަން، ދިވެހި ރައްޔިތުންނާ އެކީ އެރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީ." ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީއަތޮޅުތަކާ ރަށްތަކަށް ބާރުތައް ލިބިދޭވާހަކަ މަޖިލިސްގޭގައި ދެކެވުނު އިރު އެއާ ދެކޮޅަށް ހުރި އޮއިވަރު އެމަނިކުފާނަށް ފެނިލެއްވިކަމަށެވެ. އެއިރު އެއީ ރައްޔިތުންގެ މައްޗައް ހިންގި ވެރިކަން . ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަން ކަމަށެވެ.
"މިނިޒާމް ލާހިކުވެ ފައްކާވުމަށް ޓަކާ، އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލުވެ ، ދަސްވެ އަހުލުވެރިވާން ޖެހޭ . އެމްޑީޕީ އަކީ އެމީހުން . ދެން އަންނަން ޖެހެނީ އިންތިޚާބު ކުރެވޭ ކައުންސިލް ތައް . ކެންޑިޑޭޓުން ތިޔަ ވާދަ ކުރައްވަނީ އެކަމަށް . އިންތިޚާބުވާ ކައުންސިލް ތަކަކީ މިނިޒާމްގެ އިދާރީ އިންޖީނު . މިއާއެކުއެކީ ލާމަރުުކަޒުވުން ލާޒިމު ދާއިރާތަކެއް އެބަވޭ.
މިގޮތުން އެންމެ ފުރަތަމަ ލާމަރުކަޒު ވާން ޖެހެނީ ތަރައްޤީ . އެ ތަރައްޤީގެ އަސާސަކީ ތައުލީމާ ހުނަރު . އިންސާނީ ވަޞީލަތް . ހަމައެހެންމެ ޞިއްޙީ ދާއިރާ . ދިރިއުޅުމުގެ އަސާސީ ޒަރޫރަތުތައް . ވިޔަފާރިއާ އިގްތިޞޯދީ ޙަރަކާތް. ދަތުރުފަތުރާ މުވާޞަލާތު ގެ ހުރިހާ ދާއިރާތައް ." ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވިގޮތުގައި ކޮވިޑުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ވަނީ ފެނިގެން ގޮސްފައެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާ ލާމަރުކަޒު ވުމުގެ ބޭނުންތެރިކަން ކަށަވަރުވެއްޖެކަމުގައި ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވިގޮތުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އައު އިޞްލާހުތަކާއެކު މި ފަހަރު މި ހޮވޭ ކައުންސިލުތައް ވެގެންދާނީ އަޅުގަނޑުމެން ތަޞައްވަރު ކުރަމުން މިއަންނަ ފަދަ ފުރިހަމަ އަދި ފުރަތަމަ ކައުންސިލުތަކަށް ކަމުގައި ފާހަގަކުރެއްވިއެވެ.
"އަންހެން ބޭފުޅުންގެ ބައިވެރިވުމާއެކު ތަރައްޤީގެ ކަންކަން ކުރުމަށް މިހާރު އެވަނީ ޤާނޫނު ލާޒިމުކޮށްފައި. އެެހެންކަމުން ކައުންސިލުތަކުގައި އަންހެނުން ސާމިލުވާ ޢަދަދު އިތުރުވެގެންދާނެ. ހަމަ އެހެންމެ މުޅި ކައުންސިލުތަކުގެ ދައުރުވެސް އިހުނަށްވުރެ މާބޮޑަށް ފުޅާވެގެންދާނެ. ކައުންސިލުތަކުގެ އިހްތިޞާސްތައް ހިނގާ ސަރަޙައްދުތައް މިހާރު އެވަނީ ކަނޑައެޅިފައި އަދި މިކަމުގެ ސަބަބުން ކައުންސިލުތަކުގެ މިލްކުވެރިން އިތުރުވެ މާލީ ބާރުވެރިކަން ކައުންސިލުތަކަށް ބޮޑުތަނުން ލިބިގެންދާނެ." ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވީ އެއް ތަނެއްގައި ކަންކަން މަރުކަޒުވެ ހިފެހެއްޓިފައި އޮތުމަށް ވުރެ ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން ކަމަށާއި އެއީ އެމްޑީޕީގެ ހުވަފެން ކަމަށެވެ. އެހުވަފެނުގެ ތައުބީރަކީ ރައްވެހިފަތިހައް ފައްކާވެފައިވާ އެމް.ޑީ.ޕީ. ގެ ކެނޑިޑޭޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް