ރަހިމުގެ ގުޅުން ދެމެހެއްޓުމޭ ބުނެވޭ ބަހުގެ މާނައަކީ ގާތްތިމާގެ މީހުންނާއި އެކު ގުޅުންބަދަހި ކުރުމެވެ. އެގޮތުން ގާތްތިމާގެ މީހުން އެކަކުއަނެކަކުގެ ޙާލު އަހުވާލުބަލާ ހެދުމެވެ. އަދި ބައްދަލުވާހިނދު ހިނިތުންވުމާއިއެކުގައި ބައްދަލުކުރުމެވެ. އަދި އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި ހަދިޔާބަދިޔާ ބަދަލުކޮށް، މާލީގޮތުންނާއި އެނޫންވެސް ގޮތްތަކުން އެކަކު އަނެކަކު ބޭނުންވާ އެހީތެރިކަންފޯރުކޮށްދިނުމެވެ.
އަލްއިމާމް ގުރްޠުބީ–ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
”ރަޙިމް ގެ ގުޅުން ބޭއްވުމާއި އެގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމަށް އުއްމަތުގެ އެންމެން އެއްބަސްވެއެވެ”.
( ليس الواصل بالمكافئ ، ولكن الواصل الذي إذا قطعت رحمه وصلها ) رواه البخاري (5645)
އަދިވެސް ކީރިތި ޤުރުޢާނުގައި މާތް الله ވަޙީކުރައްވާފައިވެއެވެ.
(فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم، أولئك الذين لعنهم الله فأصمهم وأعمى أبصارهم).
މާނައަކީ: “ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ. އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލައްވައި، އަދި އެބައިމީހުންގެ ކަންފަތްތައް ބީރުކުރައްވައި، އަދި ލޯތައް ކަނުކުރައްވައިފައިވާ މީހުންނަކީ، އެބައިމީހުންނެވެ”.
އަދިވެސް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ގެ ކިބައިން ޢާއިޝާ-ރަޟިޔަﷲ ޢަންހާ-ރިވާކުރެއްވާފައިވެއެވެ.
“ރަޙިމުގެ ގުޅުމަކީ ރަޙްމާންވަންތަ ﷲ ތަޢާލާ އާއި ގުޅިފައިވާކަމެކެވެ.
ކީރިތި ޤުރުޢާނުގައި މާތް ﷲ ތަޢާލާ ވަޙީކުރެއްވާފައިވެއެވެ.
"ރަޙިމްގެ ގުޅުންގާއިމްކޮށްފި މީހަކަށް ތިމަންﷲ ގުޅުން ގާއިމްކޮށްދެއްވާހުށީމެވެ. އަދި އެގުޅުން ކަނޑައިފި މީހެއްގެ ގުޅުން ކަނޑުއްވާ ހުށީމެވެ”.
«لَا يَدْخُلُ الْجَنَّةَ قَاطِعٌ»
ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.
ގާތް ތިމާގެ ކަމުގެ ގުޅުމުގެ މަތިވެރިކަން ހާމަވާ އަނެއްކަމަކީ އާޚިރަތުގައި ލިބޭ ދަރުމަ އާއި ޘަވާބުގެ ތެރޭގައި: ރަޙިމްގެ ގުޅުން ބާއްވާ ފަރާތްތަކަށް މާތް ﷲ ސުވަރުގެ ދެއްވާނެކަން ހިމެނޭތީއެވެ.
އެގޮތުން އަބޫއައްޔޫބުލް އަންޞާރީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
“މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ ސުވަރުގެ އަށް ވަންނާނެ ކަމެއް ބުނެދެއްވާށެވެ. ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ﷲ އަށް އަޅުކަން ޚާލިޞްކޮށް، އެކަލާންގެ އާއި އެކު އެއްވެސްފަރާތެއް ބައިވެރިނުކުރާށެވެ، އަދި ނަމާދު ގާއިމް ކުރާށެވެ، އަދި ޒަކާތް ދޭށެވެ، އަދި ރަޙިމް ގެ ގުޅުން ދަމަހައްޓާށެވެ”.
( من أحب أن يبسط له في رزقه وينسأ له في أثره فليصل رحمه )
” އެމީހެއްގެ ރިޒުޤު އިތުރުވުމަށް އެދޭމީހާ އަދި އެމީހެއްގެ އުމުރު ދިގުވަން އެދޭ މީހާ ގާތް ތިމާގެ ކަމުގެ ގުޅުން ދަމަހަޢްޓާށެޥެ.” ޞަޙީހުލް ބުޚާރީ
ރަޙިމްގެ ގުޅުންކަނޑާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދެއްވާ ބައެއް ޢުގޫބާތްތައް:
ދުނިޔޭގައި:
ރަޙިމުގެ ގުޅުން ކަނޑާ މީހުންނަށް ދުނިޔެއާއި އަދި އާޚިރަތުގައި ދެއްވާ ބައެއް އުޤޫބާތްތަކުގެ ވާހަކައަށް ދެން ބަލައިލަމާ ހިނގާށެވެ. އެގޮތުން ރަޙިމުގެ ގުޅުން ކަނޑާ މީހާގެ އެއްވެސް ޢަމަލެއް މާތް ﷲ ގެ ޙަޟްރަތަށް ނުއުފުއްލަވާކަން، އަދި ޤަބޫލުވެސް ނުކުރައްވާނެކަން، އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ.
ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ.
“ހަމަކަށަވަރުން އާދަމުގެ ދަރިންގެ ޢަމަލުތައް ކޮންމެ ހުކުރުވިލޭރެއަކު މާތް ﷲ ގެ ޙަޟްރަތަށް އުފުއްލަވައެވެ. އެހެންނަމަވެސް ރަޙިމުގެ ގުޅުން ކަނޑާ މީހެއްގެ އެއްވެސް ޢަމަލެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް