"އަޔާދީ ތަކާފުލް" ކާމިޔާބު 7 އަހަރު ފުރިހަމަކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް އިންޝުއަރަންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ކާމިޔާބު 7 އަހަރު ފުރިހަމަކޮށްފިއެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ...

25 Feb 2021 | 12:39

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް އިންޝުއަރަންސްގެ ހިދުމަތް ދެމުން އަންނަ އެލައިޑް އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ކާމިޔާބު 7 އަހަރު ފުރިހަމަކޮށްފިއެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފުދޭނެހެން ފުރިހަމަ އިންޝުއަރަންސް ހައްލު ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ގޮފީގެ ގޮތުގައި ތައާރަފުކޮށްފައިވާ "އަޔާދީ ތަކާފުލް" އަކީ ރާއްޖޭގައި އެންމެ ފުރަތަމަ މިހިދުމަތް ދޭން ފެށި ދިވެހި ކުންފުންޏެވެ.

ފާއިތުވެ ދިޔަ 7 އަހަރު ތެރޭގައި އަޔާދީއިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާ ފައެެވެ. އެކުންފުނިން ފާހަގަ ކުރައްވާ ގޮތުގައި މިކާމިޔާބީގެ އަސްލަކީ އިތުބާރާއި އެކު އަޔާދީއިން ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނެވެ. އެގޮތުން ކުންފުނީގެ ހަޔާތުގައި ފާހަގަކޮށްލެވޭ މަރުހަލާތަކަށް ބަލާލާއިރު، އަޔާދީއިން ފަރުމާކޮށްގެން ފޯރުކޮށްދެމުން އަންނަ "ހައްޖު އަދި އުމްރާ ތަކާފުލް" ހިދުމަތަށް 2017 ވަނަ އަހަރުގެ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިޔާ (އިފްސާ) އެވޯޑްސް ހަފްލާގައި ވަނީ ގޯލްޑް ޕްރޮޑަކްޓް އޮފް ދަ އިޔަރ އެވޯޑް ހާސިލްކޮށްފައެވެ. ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ މިއެވޯޑު ހަފްލާގައި، ސަރަހައްދީ މައިދާނުގެ ކުންފުނިތަކާއި ވާދަކޮށް 2016، 2017، 2018 އަދި 2019 ގައި ވެސް އަޔާދީއިން ވަނީ ތަކާފުލް ވިންޑޯ އަދި ޔުނިޓް އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ.

2016 ވަނަ އަހަރު އަޔާދީއިން ވަނީ އިސްލާމިކް ލައިފް އިންޝުއަރަންސް؛ "ފެމެލީ ތަކާފުލް"ގެ ހިދުމަތް ވެސް ފަށާފައެވެ. ބޮޑު ތަރުހީބެއް ލިބެމުން އަންނަ މިހިދުމަތަކީ ވެސް ރާއްޖޭގައި އަލަށް ފެށިގެން މިއަަދާ ހަމައަށްވެސް އަޔާދީއިން އެކަނި ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. މީގެ އިތުރުން، އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއްގެ އިސްލާމިކް އިހްތިޔާރީ އަޔާދީއިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް www.myallied.mv ޕޯޓަލް އާއި އެލައިޑް އެޕްއިން ވަގުތުން ލިބެން ހުންނަ ހިދުމަތްތައް ވެސް ހިމެނެއެވެ.

މިމުނާއްސަބަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންް އެލައިޑް އިންޝުއަރަންސުން ބުނެފައިވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތާކާފުލް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދަމުންދާ ކާމިޔާބީތަކާއި މެދު ފަހުރުވެރިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ކުރިއެރުމާއި އެކު ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށެވެ. އަދި އިސްލާމިކް ފައިނޭންސިންގ ދާއިރާގެ ކުރިމަގު ބިނާކުރުމަށް އަޔާދީއިން ކުރަމުންދާ މަސައްކަތްތަކަށް އެލައިޑުން ވަނީ މަރުހަބާ ކިޔާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް