ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ދޫކުރާ ނަމްބަރު ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ދެ ދުވަސްވަރު ނަގާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފި އެވެ.
އެސިސްޓަމަށް މައްސަލަ ދިމާވުމާއި ގުޅިގެން އިންޑިއާއަށް ބޭސްފަރުވާ ދާން ބޭނުންވާ ދިވެހިން މެޑިކަލް ވިސާއަށް އެދި ފޯމު ހުށަހެޅުމަށް ނަމްބަރު ހޯދުމަށް ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި އެވެ. މި ޝަކުވާތަކާއި އެކު އިންޑިއާ ހައި ކޮމިޝަން ކުރިމަތީގައި ބަޔަކު ކިޔޫ ހަދައިގެން އިށީނދެ ތިބި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައި އެވެ.
މިކަމާއި ގުޅިގެން މިއަދު ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ ނަމްބަރު ދޫކުރާ ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން ވިސާ އަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެ އެވެ.
އެ ކޮމިޝަނުން ބުނީ މި މައްސަލަ ކުރިޔަށް އޮތް ދެ ދުވަސްތެރޭގައި ހައްލު ކުރެވޭނެ ކަމަށެވެ.
https://twitter.com/HCIMaldives/status/1364844230145794050
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރުތައް ބަންދު ކުރުމާއި އެކު ދިވެހިންނަށް ބޭސްފަރުވާއަށް އެ ގައުމަ ދިޔުމަށް ހުރަސް އެޅި ވަރަށް ގިނަ ދަތިތަކާއި ދިވެހިން ކުރިމަތިލާން ޖެހުނެވެ. އެކަމަށް ހައްލެއް ލިބިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ހާއްސަ ހުއްދައެއްގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ބޭހަށް ދެވޭނެ ގޮތް އެ ގައުމުން ހަމަޖައްސައި ދިނުމުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 5،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އެކަނި 2،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް