ކޯވިޑް-19 އާއި ގުޅިގެން ވެރިރަށް މާލެ އޮތީ ލޮކްޑައުން ކުރަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އަޅާނެ ފިޔަވަޅުތަކެއް ހާމަ ނުކުރެއްވި ނަމަވެސް ނަސީމް ވިދާޅުވީ މާލޭގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އާންމުން ބައްޔަށް އިތުރަށް ހޭލުންތެރި ކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ޓީވީ ޕްރޮގްރާމްތައް އިތުރު ކުރުމާއި ގުޅޭގޮތުން މިނިސްޓަރު ވާހަކަދެއްކެވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަނީ ޓޫރިޒަމަށް ކަމަށްވާތީ ލޮކްޑައުންއަކަށް ދިޔުމުގެ ގާބިލުކަން ނެތް ކަމަށެވެ. އެކަމަކު އަތޮޅު ތެރޭގައި އަދި ރިސޯޓުތަކުގެ ހާލަތަށްވުރެ މާލޭގެ ހާލަތު ކަންބޮޑުވާ ވަރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ކޯވިޑަށް ޕޮސިޓިވްވާ އަދަދު 50 އަށްވުރެ އިތުރުވާނަމަ އެއީ ބަލި ކޮންޓްރޯލުން ނެއްޓިފައިވާ ކަމުގެ އަލާމާތް ކަމަށް މީގެ ކުރިން އެތައް ފަހަރަކު އެޗްޕީއޭއިން ބުނެފައިވެ އެވެ. މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން 124 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން 94 މީހުން ޕޮސިޓިވްވެފައިވަނީ މާލެއިން ނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 19،162 މީހުން ޕޮސިޓިވްވެފައިވެ އެވެ. މި ބަލިން 16،646 މީހުން ރަނގަޅުވެފައި ވާއިރު ބަލީގައި މަރުވެފައިވަނީ 60 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް