ނިހާނަށް ކުރާ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދީފި

ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދީފި އެވެ. ދައުލަތުން އޭނާ އާއި ދެކޮޅ...

25 Feb 2021 | 07:51

ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދީފި އެވެ.

ދައުލަތުން އޭނާ އާއި ދެކޮޅަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާ އަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާ އެކެވެ.

މި ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިހާނަށް އިތުރު ފުރުސަތު ދޭން ގާޒީ ނިންމެވީ ދައުލަތުން ހުށަހެޅި ބައެއް ލިޔުންތައް ސާފުނުވާ ނިހާންގެ ވަކީލުން ވިދާޅުވުމުންނެވެ. އަދި ޖަވާބުދާރީވުމުގެ ކުރިން އެކަން ސާފުކުރަން ބޭނުންވާ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން ނިހާންގެ ވަކީލުން ވަނީ މައްސަލަ ކޯޓުގެ އެހެން ސެކްޝަނެއްގައި އޮތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދިި ގާޒީ ބަދަލުވެއްޖެ ނަމަ، އެކަން ދައުވާލިބޭ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ޝަރީއަތުގައި ފާހަގަކޮށްފައި އެވެ. މިކަންވެސް ގާޒީ ވަނީ ބަލައިގެންފަ އެވެ.

މި ހުށަހެޅުންތަކާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މައްސަލަ ބަލަމުން ދަނީ އެ ސެކްޝަންގައި ކަމަށާއި މައްސަލަ އޮތްކަމުގެ ލިޔުން ހަވާލު ނުކުރެވި އޮތީ ރެޖިސްޓްރޭޝަން ސެކްޝަނަށް ދިމާވި އިދާރީ އޮޅުމަކުން ކަމަށެވެ. އަދި މިއަދު އެ ލިޔުން ހަވާލު ކުރާނެ ކަމަށް ގާޒި ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި ލިޔުންތައް ނުލިބޭ ކަމަށް ނިހާންގެ ވަކީލުން ވިދާޅުވުމުން ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ސާފުނުވާ ލިޔުންތަކަކީ ކޮބައިކަން ލިޔުމުން އެންގުމަށެވެ. އޭރުން އިދާރީ ގޮތުން އެކަންކަން ހަމަޖައްސައިދޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި ދައުވާތަށް ނިހާނާއި ދެކޮޅަށް އުފުލާފައިވަނީ އެ ދައުވާތައް ކުރަނީ އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެ އެވެ. އޭނާ ކުށް ކޮށްގެން ހޯދި މުދާ ދައުލަތަށް ނަގަން އެ މައްސަލާގައި އެދިފައިވެ އެވެ.

މި ދައުވާތަކާއި ގުޅިގެން ޕީޖީ އޮފީހުގެ އެދުމަށް ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓު އޮތީ ހިފަައްޓާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް