ކޯވިޑް-19 އާއި ގުލިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިހާލަތުގައިވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރު ވާން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިނުމަކީ ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޒީ އިދާރާތަކުން އިޙްތިރާމް ކުރަންޖެހޭނެ ހައްގެއް ކަމަށެވެ. އެ ކޮމިޝަނުން ބުނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިގެންވާ ޙައްޤަކަށްވާއިރު ބަލިމަޑުކަމުގެ ހާލަތުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައިގޮތް ބަދަލުކުރަން ޖެހިފައި ކަމަށެވެ.
އިދިކޮޅުން މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅޭގޮތުން އެކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ އެ މުޒަހަރާތައް ކޮމިޝަނުގެ ޓީމަކުތަކުން މޮނިޓާ ކުރަމުންދާ ކަމަށެވެ.އެޗްއާރްސީއެމް އިން ބުނީ މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކޯވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިޙާލަތުގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ އެޗްއާރްސީއެމް އިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ބުނެ އެވެ.
ފުލުހުން މުޒާހަރާގެ ކަންކަން ބަލަހައްޓައި މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށް ގެންދާއިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބާރުގެ ބޭނުން ކުރެއްވުމަށް އިލްތިމާސް ކޮށްފައިވެ އެވެ. އަދި މުޒާހަރާ މޮނިޓާ ކުރާ މީޑިއާގެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކޮމިޝަނުން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް