މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ "އެރައިސް" މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ. މި ސާރވޭ ކުރިއަށް ދާނީ 25 ފެބްރުއަރީ 2021 އިން ފެށިގެން 07 މާރޗް 2021 ގެ ނިޔަލަށެވެ. ޚިޔާލުހޯދުމުގެ ސާރވޭ ކުރިއަށްގެންދާ ރަށްތަކަކީ:
- ލ. ގަން
- ލ. އިސްދޫ
- ލ. ކަލައިދޫ
- ލ. ހިތަދޫ
- ލ. ކުނަހަންދޫ
- ލ. މާބައިދޫ
- ލ. މާމެންދޫ
- ލ. މާވަށް.
މި ރަށްތަކުގެ އިތުރުން ލ. ފޮނަދޫ އަދި ދަނބިދޫގައި ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ޔަގީން ވުމުން މި ދެރަށުގައިވެސް ސާރވޭ ކުރިއަށްގެންދާނެއެވެ. ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ އެރައިސް މަޝްރޫއުގެ ސާރވޭގައި މައިގަނޑު އެއް ބޭނުމަކީ ލ. އަތޮޅުގެ ރަށްތަކުގައި ގާއިމްކުރާ ސޯލަރ ޕީވީ ބެޓަރީ ހައިބްރިޑް ނިޒާމާއި އަދި އެނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި ބެހޭގޮތުން އެރަށްތަކުގެ ރަށްވެހިން ދެކޭގޮތާއި އަދި އެރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް މަޝްރޫއު ރާވައި ހިންގުމުވެ.
ސާރވޭގެ ފޯމުގައި މަޝްރޫޢު ކުރިއަށްދާ ރަށްރަށުގައި މަޝްރޫޢު ކުރިއަށްދާނެ ގޮތާއި ސޯލަރ ހަކަތައިގެ ނިޒާމު ހުންނާނެ ގޮތާއި މަސައްކަތުގައި ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ މުއްދަތު ބަޔާންކޮށްފައިވާނެއެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ސާރވޭގައި އެއްކުރެވޭ މައުލޫމާތުތަށް ހަމައެކަނި ބޭނުންކުރާނީ ދިރާސާގެ ބޭނުމުގައި އެކަންޏެވެ.
އެކްސަލރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢު މައިގަނޑު ބޭނުމަކީ ރާއްޖޭގައި ބޭނުން ކުރެވޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކޮށް، ރަށްތަކުގެ ކަރަންޓު ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.
މަޝްރޫއަށް ވޯލްޑްބޭންކުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީ (އައިޑާ) އިން 12.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައެވެ. އަދި ކްލީން ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް) އިން 23 މިލިއަން ޑޮލަރުގެ ލޯނުވެސް ވަނީ ހަމަޖެހިފައެވެ. ހަމަ މި މަޝްރޫއަށް ސީ.ޓީ.އެފުން ވަނީ 7 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ހަމަޖައްސާފައެވެ. އެރައިޒް މަޝްރޫއަށް އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން 20 މިލިއަން ޑޮލަރުގެ ވަނީ ހަމަޖެހިފައެވެ. އަދި މަޝްރޫޢުގެ 45 މިލިއަން ޑޮލަރުގެ ހަމަޖެހެނީ ހަކަތައިގެ ދާއިރާގެ ޕްރައިވެޓް އިންވެސްޓްމަންޓް ތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް