ތ. ގުރައިދޫން ވޭމަންޑޫއަށް ޖަނަރޭޓަރެއް ގެންގޮސްފި، މިރޭ ކަރަންޓު ދެވޭވަރުވާނެ

އިންޖީނުގޭގައި އަލިފާން ރޯވެ އިއްޔެ ހަވީރުން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެންޑިފައިވާ ތ. ވޭމަންޑޫއަށް މިރޭ ކަރަންޓގެ ހިދުމަތް އަލުން ދެވޭވަރު ވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ފެނަކައި...

25 Feb 2021 | 06:30

އިންޖީނުގޭގައި އަލިފާން ރޯވެ އިއްޔެ ހަވީރުން ފެށިގެން ކަރަންޓުގެ ހިދުމަތް މެދުކެންޑިފައިވާ ތ. ވޭމަންޑޫއަށް މިރޭ ކަރަންޓގެ ހިދުމަތް އަލުން ދެވޭވަރު ވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ބުނީ އެ ރަށު އިންޖީނުގައި އަލިފާން ރޯވީ ކުއްލިއަކަށް ކަމަށެވެ. މި ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

އިންޖީނުގޭގައި އަލިފާން ރޯވުމާއި ގުޅިގެން އެ ރަށަށް އަލުން ކަރަންޓު ދިނުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއިން ޖަނަރޭޓަރު ސެޓެއް ގެންދިޔުމުގެ އިތުރުން ޖަނަރޭޓަރުތައް ބަހައްޓާނެ ތަނެއް ވަގުތީ ގޮތުން ވަނީ އިމާރާތް ކުރަން ފަށާފައި އެވެ.

މިއަދު ފެނަކަ ކޯޕަރޭޝަނުން ބުނީ މަސައްކަތް ވީހާވެސް އަވަސް ކުރުމުގެ ގޮތުން މާލެއިން ޖަނަރޭޓަރު ސެޓެއް ގެންދިއުމުގެ ބަދަލުގައި އެ އަތޮޅު ގުރައިދޫން މިއަދު ހެނދުނު ޖަނަރޭޓަރެއް ވޭމަންޑޫއަށް ގެންގޮސްފައިވާ ކަމަށެވެ. ގުރައިދޫން ގެންގޮސްފައިވަނީ 360 ވޯޓުގެ ޖަނެރޭޓަރެކެވެ.

ފެނަކައިން ބުނީ މި ޖެނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ނިންމައި މިރޭ މުޅި ރަށަށް ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.

https://twitter.com/clubfnk/status/1364772937388019716

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ފެނަކައިން ތިން ޖަނަރޭޓަރު އެ ރަށުގަައި ބޭނުން ކުރެ އެވެ. އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ތިން ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި އެވެ.

އިންޖީނު ގޭގައި ރޯވުމާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. އަދިވެސް އޭނާ އެ ރަށުގައި ހުންނެވި އިރު މީޑިއާގައި ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް