"ކިޑްނީއެއް ހޯދުމުގައި ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް އެދެން": ސާއިދު

ގދ. ތިނަދޫ، ފޮނިމާގެ، ސާއިދު އަހުމަދަކީ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިއެކެވެ. ސާއިދުވަނީ ދެ ކިޑްނީ ފެއިލްވެ، ކިޑްނީއެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ކިޑްނީއެއް ހޯދުމަށް ކެނޑިނޭޅި މަސ...

25 Feb 2021 | 06:13

ގދ. ތިނަދޫ، ފޮނިމާގެ، ސާއިދު އަހުމަދަކީ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިއެކެވެ. ސާއިދުވަނީ ދެ ކިޑްނީ ފެއިލްވެ، ކިޑްނީއެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ކިޑްނީއެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވެސް ސާއިދަށް ކިޑްނީއެއް ލިބިފައެއް ނުވެ އެވެ.

ސާއިދުގެ ކިޑްނީ ފެއިލްވެފައިވާކަން  އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ޔޫރިން އިންފެކްޝަނެއް އުފެދި އޭޑީކޭ ހޮސްޕިޓަލަށް ގޮސް ދެއްކުމުން ލޭގެ ޕްރެޝަރު މަތިކަމަށް ބުނެ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ހެދި ޓެސްޓްތަކަކުންނެވެ.

ސާއިދު ބުނެފައިވާ ގޮތުގައި މިކަމާ ގުޅިގެން 12 މީހަކާއެކު ވާހަކަ ދެއްކުނުކަމަށާއި، އޭގެ ތެރެއިން ތިން މީހަކު ކިޑްނީއެއް ހަދިޔާކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުހަލާތަކެއް ވެސް ފުރިހަމަކުރިކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ހިސާބަކުން ވަނީ ފެއިލް ކަމަށް ސާއިދު ބުންޏެވެ.

ރީޗެކަޕް ހަދަން ޖެހޭ ހިސާބުން އެމީހުން ހަބަރެއް ނުވާކަން ފާހަގަކުރަމުން ސާއިދު ބުނީ އަނެއް މީހުން ޓެސްޓް ހަދަން ދާނެ ކަމަށް ބުނެ، ޓެސްޓް ހަދަން ޖެހޭ ދުވަހު ގުޅުމުން ފޯނު ވެސް ނުނަގާ ކަމަށެވެ.

އާއިލާގެ ތެރެއިން އަދި ކިޑްނީއެއް ލިބިފައި ނުވާތީއާއި، ކިޑްނީ ހަދިޔާ ކުރާނެ ފަރާތެއް ލިބިފައި ނުވާތީ މިއަދާ ހަމައަށް ވެސް ސާއިދަށް ކިޑްނީއެއް ލިބޭ ގޮތެއް ނުވެއެވެ. އެހެންކަމުން ސާއިދު މިވަނީ އަނެއްކާވެސް މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

"ﷲ ތައާލާ އިންސާފުން ލައްވަވާފައި ވަނީ އެކަކު އަނެކަކުގެ އެހީއާ ނުލާއި ދުނިޔޭގައި ހަޔާތް ފުރިހަމަ ނުވާ ގޮތަށެވެ. އެއީ އިންސާނުންނަށް އިމްތިހާނު ކުރެއްވުމަށްޓަކަ އެވެ. ވީމާ ﷲ އަށްޓަކައި ކިޑްނީއެއް ހަދިޔާކުރަން ފަސްނުޖެހެމާތޯ،" ސާއިދުގެ ޕޯސްޓްގައިވެ އެވެ.

ސާއިދަކީ ކުޅިވަރު ޕްރޮގްރާމުތައް ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ފަރާތެކެވެ. އޭނާގެ އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާ ހިތްވަރުގަދަ ފަހުލަވާނެކެވެ.

ސާއިދުގެ ޕޯސްޓާއެކު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ވެސް އަންނަނީ އޭނާއަށް އެހީވުމަށް އެދި މީސްމީޑިޔާގައި ޕޯސްޓް ހިއްސާކުރަމުންނެވެ.

ކިޑްނީ ފެއިލްވި ފަހުން ކޮންމެ ހަފްތާއަކު ދެ ދުވަހުން އެއް ދުވަހު ސާއިދު އަންނަނީ ޑައިލަސިސް ހަދަމުންނެވެ. މިހާރު އައިޖީއެމްއެޗުން އޭނާ ޑައިލަސިސް ހަދަމުން އަންނައިރު ސާއިދު ވަނީ އެ ހޮސްޕިޓަލުގެ ޑައިލަސިސް ޑިޕާޓްމަންޓްގެ ފަރާތުން ބަހައްޓާއި ގާތްކަމާއި ހިތްހެޔޮކަމާއި އަޅާލުމަށް ޝުކުރު އަދާކޮށްފަ އެވެ.

އިތުރު މައުލޫމާތު : ސާއިދު އަހުމަދު - 7998981

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް