އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އައްޑޫ ސިޓީގައި ކޯވިޑްގެ ތިން ކްލަސްޓާއެއް އުފެދިފައިވެ އެވެ. އެ ކްލަސްޓާތަކުން މިހާތަނަށް 77 މީހުން ޕޮސިޓިވްވެފައިވާއިރު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 30 އެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ އެ ސިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސލިޓީގައި އެޑްމިޓް ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ތިން މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ އިއްޔެ އެވެ.
އެމީހުންގެ ހާލަތާއި ގުޅޭ މައުލޫމާތު ސާފެއް ނުވެ އެވެ. އެކަމަކު ފެސިލިޓީތަކަށް ފަރުވާ ދޭން ބަދަލު ކުރަނީ ޕޮސިޓިވް މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން ހާލު ސީރިއަސް ވެދާނެ ކަމަށް ބެލެވޭ މީހުންނެވެ.
އައްޑޫގެ ތިން ކްލަސްޓާ އަކީ ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާ އާއި، މީދޫ ކްލަސްޓާގެ އިތުރުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އުފެދުނު އޭވިއޭޝަން ކްލަސްޓާ އެވެ. މީގެ ތެރެއިން އެމްޓީސީސީ ކްލަސްޓާއިން 26 މީހުން ޕޮސިޓިވްވި ފަހުން އިތުރު މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ.
މިމަހު 21 ވަނަ ދުވަހު ފެނުނު މީދޫ ކްލަސްޓާއިން މިހާތަނަށް އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭވިއޭޝަން ކްލަސްޓާއިން ޕޮސިޓިވްވެފައިވަނީ ހިތަދޫއިން 22 މީހުން، ފޭދޫއިން 17 މީހުން، މަރަދޫފޭދޫއިން ހަތަރު މީހުންނެވެ.
މިވަގުތު އައްޑޫ ސިޓީ އެއްކޮށް މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ކާފިއު ހިންގަމުން ދަނީ ހުޅުމީދޫގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް