ރަށުން ބޭރުގައި މޮންޗެންގްލަޑްބެކް އަތުން މޮޅުވެ، މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލާ ގާތަށް

ޔުއެފާ ޗެންޕިއަންސް ލީގުގެ 2 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މޮންޗެންގްލަޑްބެކްއާ ދެކޮޅަށް އެ ކްލަބްގެ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލްއާ ގާތަށް ޖެހިލައިފިއ...

25 Feb 2021 | 05:45

ޔުއެފާ ޗެންޕިއަންސް ލީގުގެ 2 ވަނަ ބުރުގެ ފުރަތަމަ ލެގުގައި މޮންޗެންގްލަޑްބެކްއާ ދެކޮޅަށް އެ ކްލަބްގެ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލްއާ ގާތަށް ޖެހިލައިފިއެވެ. ޕްރިމިއާ ލީގުގައި ވެސް ވަރަށް ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، ދެ ވަނަ ލެގު އޮންނާނީ އެ ކްލަބްގެ އަމިއްލަ ދަނޑުގައެވެ.

މެންޗެސްޓާ ސިޓީން ކޮންމެ ހާފަކު ލަނޑެއް ޖެހިއިރު، އެ ދެ ލަނޑުގައި ވެސް ސިޓީގެ ފުލްބެކް ކެންސެލޯގެ ދައުރު ބޮޑެވެ. ކުރިން ޔުވެންޓަސްއަށް ކުޅުނު ކެންސެލޯއަށް ގާޑިއޯލާ ދީފައިވާ "ފްރީ ރޯލް" އާއެކު އޭނާގެ ފަރާތުން ރޭގައި ފެނުނީ މޮޅު ކުޅުމެކެވެ. މި ފަހަކަށް އަހިސް އޭނާ އަންނަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ.

ފުރަތަމަ ހާފުގެ 29 ވަނަ މިނިޓުގައި ކެންސެލޯ ވާއަތް ފަރާތުން ގްލަޑްބެކްގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައިން ލަނޑު ކާމިޔާބު ކުރީ ބާނާޑޯ ސިލްވާ އެވެ.

ދެ ވަނަ ހާފުގައި ކެންސެލޯ ހުރަސްކޮށްލި ހިތްގައިމު ބޯޅައެއް ހިފައިގެން އަރާ ބާނާޑޯ ސިލްވާ ގަބްރިއެލް ޖީސުސްއަށް ދިނުމުން އޭނާ ވަނީ ސިޓީއަށް ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި ކާމިޔާބީއާއެކު ސިޓީން ވަނީ ހުރިހާ މުބާރާތަކުން އެ ޓީމުން އެންމެ ފަހުން ވާދަކުރި 19 މެޗު ވެސް ކާމިޔާބު ކޮށްފައެވެ.

ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ލިޔޯން އަތުން ބަލިވެ، މުބާރާތާ ވަކިވާން ޖެހުން ހަނދާނުން ފުހެލައި، ސިޓީން އަމާޒު ހިފާފައިވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު މި ސީޒަންގައި ކާމިޔާބު ކުރުމަށެވެ. ސިޓީ މި ވަގުތު ޕްރިމިއާ ލީގުގެ ތާވަލުގެ 1 ވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް