ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީއަށް، ޗީފް އޮފް ޑިފެންސް ޝަމާލް ޒިޔާރަތްކުރައްވައިފި

ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ޝަމާލް، ޔޫ...

25 Feb 2021 | 05:35

ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ޝަމާލް، ޔޫއޭއީ އަށް ފުރާވަޑައިގެންފަައި ވަނީ މި މަހުގެ20 ވަނަ ދުވަހުއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، ޔޫއޭއީއަށް ކުރައްވި މި ދަތުރުފުޅަކީ، 2021 ފެބުރުވަރީ މަހުގެ 20 އިން 25 އަށް އެ ޤައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ” އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން، އާއި ނޭވަލް ޑިފެންސް އެގްޒިބިޝަން، ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޗީފް އޮފް ސްޓާފް އޮފް ދަ ޔޫއޭއީ އާމްޑް ފޯސަސް ދެއްވި ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އަދި މި ދަތުރުފުޅުުގެ ތެރެއިން މި މަހުގެ 23 ވަނަ ދުވަހު ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލު ބައްދަލުކުރެއްވިއެވެ.

މި މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ޤާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ދެއްވާފައެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް