ސިލްސިލާ ވާހަކަ: ޒާރާ - ހަތްދިހަ ހަވަނަބައި

''ފަހަރީ...........ހަމަ ފަހަރި ދެކިލާހިތުން މިއައީ........... ބެންކޮކްގަ ހުރެފަ......... އަދިވެސް ނުބުނާނެ ރަނގަޅެކޭ...... ދޯ ބޯއްތާ.............'' ފަހުދު ޒާރާއާ ދިމާއަށް އެއްލޯ މަރާލިއެވެ. ސަރީފާ ހިނ...

25 Feb 2021 | 01:18

''ފަހަރީ...........ހަމަ ފަހަރި ދެކިލާހިތުން މިއައީ........... ބެންކޮކްގަ ހުރެފަ......... އަދިވެސް ނުބުނާނެ ރަނގަޅެކޭ...... ދޯ ބޯއްތާ.............'' ފަހުދު ޒާރާއާ ދިމާއަށް އެއްލޯ މަރާލިއެވެ. ސަރީފާ ހިނިތުންވެލިއެވެ. ފަހުދުގެ މިޒާޖު ސަރީފާއަށް ރަނގަޅަށް އެނގެއެވެ.

''އާދޭ ދަރިފުޅާ ސައިބޯން........... ފަހުދުވެސް އަދި ސައި ނުބޮއި އޭނދީ........... އާދޭ ދެކުދިން.......... މާމަގެ ފުއްގަނޑު ގެނޭ މާމަ އުރާލަން...............'' ތަށިތަކަށް ޖޫސް އަޅާ ދިނުމަށްފަހު ސަރީފާ ފަހުދު ގާތަށް ޖެހިލާ ޒިލީ އުރާލިއެވެ.

''ފަހަރީ........... ހާދަ ފާޑަކަށް ތިހުންނަނީ........... ބޯއްތަ ބުނެބަލަ ފަހަރި ގާތުގަ......... އަހަރެންނާއެކު ސައިބޯން އަންނާށޭ............ އެކަނި ކިހިނެތް ސައިބޯނީ.............'' ފަހުދުގެ އެންމެ ފަހު ޖުމްލަތައް އަމާޒުވީ ސަރީފާއާ ކަމުގައި ވިޔަސް އޭނާގެ ދެލޯ އަމާޒުވެފައިވަނީ ޒާރާއާ ދިމާލަށެވެ.

''އެ ތެދެކޭ ދަރިފުޅާ.......... ދެން ސައިބޯން އުޅޭ......... މިމަންޖެ ރޯން ނުފަށަނީސް ސައިގެ ކަންތައް ނިންމާލަން ދޭ........'' ސަރީފާ ޒިލީ ގޮވައިގެން ނިކުތީ ބެލްކަންޏަށެވެ. ދުނިޔޭގެ ހަމަވައިގެ ތެރެއަށް ނިކުމެވުމުން ހިތަށް ލިބޭ ހިތްހަމަޖެހުން ޒިލީއަށްވެސް އިހްސާސް ވާން ޖެހޭނެކަމުގައި ވާތީއެވެ.

''މެޑަމް ދަނީ ފިހާރަ......... މެޑަމް އެއްޗެއް ބޭނުން ހުންނަނީތަ.............'' ޖީނާ ބޭނުންވީ ފިހާރައިން އެއްވެސް އެއްޗެއް ގަންނަން ޒާރާ ބޭނުން ޖެހިފައިވޭތޯ ބަލާލުމަށެވެ. އެއީ އޭނާގެ އާދައެވެ. ކޮންމެ ދުވަހަކުވެސް ބާޒާރަށް ދިއުމުގެ ކުރިން ޒާރާއަށާ ޒިލީއަށް ބޭނުންވާ އެއްވެސް އެއްޗެއް ގަންނަންފެވަ އޮތްތޯ އޭނާ ބަލައެވެ. އެކަން ވާނީވެސް އެހެންތާއެވެ. ފަހުންވެސް އެކަން ކުރަން ޖެހޭނީ ޖީނާއަށް ކަން އޭނާއަށް ކަށަވަރުވެއެވެ.

ފަހުދުގެ ތޫނު ބެލުމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ޒާރާއަކަށް ނުވިސްނުނެވެ. އިމްރާން މެން ބެންކޮކަށް ދޫކޮއްލާފައި ފަހުދު އެއައީ ކީއްވެ ބާވައޭ ޒާރާގެ ހިތަށް އެރިއެވެ. އަދި އިމްރާން ގެ ދެބަފައިންގެ ހާލު އަހާލަން ވެސް ޒާރާގެ ހިތް އެދުނެވެ. އެހެންނަމަވެސް އޭނާ ހަމަ އެއްވެސް އެއްޗެއް ނުބުނެއެވެ.

''ނާންނަން ބޮޑާ ހާކަންޏާ އަތުގަ ހިފައިގެން ގަދަކަމުން ގެންނަން ޖެހިދާނެ އިނގޭ......... އެގޮތް ދޯ ބޭނުމީ...........'' ފަހުދު ޕާންފޮތިން އެތިކޮޅެއް ކާލަމުން ބުންޏެވެ.

ޒާރާ މަޑުމަޑުން ހިނގާފައި ގޮސް ކާމޭޒު ކައިރީގައި އިށީނެވެ. ފަހުދާ އެންމެ ދުރަށް ހުރި ގޮނޑީގައެވެ.

''އައްދެ ......... ހާދަ ދުރުގަ ތި އިށީނީ........ މިހާރުދެން ދުރުކޮއްލަން އުޅޭނެ ކަމެއް ނެތެއްނު.......... އެވަރަށް ކައިރިކޮއްފަ ދުރުކޮއްލީމަ މި ނިކަމެތި ހިތަށް ކިހިނެތް ވާނީ؟.................'' ފަހުދު މޭގައި އަތް ޖައްސާލަމުން ޒާރާއާ ހަތަރުކަޅި ހަމަކޮއްލިއެވެ.

ފަހުދުގެ މޫނުމަތިން ފާޅުވަމުންދަނީ ލާނެތް ހިނިތުން ވުމެކެވެ. އޭނާގެ ބެލުމުގައި ތަފާތުގޮތެއް ހުރިހެން ޒާރާއަށް ހީވިއެވެ.

''ކޮބާ އިމްރާން.............'' ފަހުދު ދެއްކި އެއްވެސް ވާހަކައެއް ޒާރާއަށް އަޑު ނީވޭކަހަލައެވެ. އޭނާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ. ޒާރާ އެ ސުވާލު ކުރާނެކަމަށް ފަހުދުއިނީ ތައްޔާރު ވެގެންނެވެ.

''ކީއްކުރަން ދެން އިންމަ ހޯދަނީ.......... އޭނާ ނެތަސް ފަހަރިއަށް އެއްވެސްކަމެއް އުނިވިޔަކަ ނުދޭނަން.......... އަހަރެން މިހިރީނު.........'' ފަހުދުގެ ޖަވާބު އަޑުއިވިފައި ޒާރާގެ ލޭ ހޫނުވިއެވެ. ރުޅިވެރި ކަމާއެކު ފަހުދުގެ މޫނަށް ޒާރާ ބަލާލިއެވެ. އެބެލުން ބުނާކަހަލައެވެ. އަހަރެން ފަހުދު ދެކެ އިންތިހާއަށް ނަފުރަތު ކުރަމެވެ.

''އަހަރެން ކަމަކު ނުދޭތަ.......އަޅެ ބުނެބަލަ.......މިހާރު އެނގެންވާނެ.......ކަމުދަންޏާ.................'' ފަހުދު ސުވާލު ކުރިއެވެ.

''އަހަންނަށް ކަމުދަނީ އިމްރާން......... ކަމުދާނީވެސް އިމްރާން........... ދުވަހަކުވެސް އެނޫން މީހަކު އަހަންނަކަށް ކަމަކުނުދާނެ............ ފަހުދު ލަދު ގަންނަންޖެހޭނެ ތިބާވަތުގެ ވާހަކަ އަހަންނާ ދައްކަން...........'' ރުޅިއައިސްފައި އިންނަމަވެސް ޒާރާ ބެލީ މަޑުން ވާހަކަ ދެއްކޭތޯއެވެ. ފަހަރެއްގައިވެސް އެހެން މީހަކަށް އެ ވާހަކަތައް އަޑުއިވޭކަށް ޒާރާ ނޭދެއެވެ.

''ލަދު ދޯ.......... ފަހަރި ވެސް ލަދެއް ނުގަތެއްނު.............'' ފަހުދު ފަރުވާކުޑަ ރާގެއްގައި ބުނެލިއެވެ.

ފަހުދު އެބުނި އެއްޗެއް ޒާރާއަކަށް ނުވިސްނުނެވެ. ޒާރާގެ ލަދުކުޑަ ވާހަކަ ފަހުދު ބުނަންޖެހޭ ސަބަބެއް ނޯންނާނެއެވެ. އެފަދަ އެއްވެސް ކަމެއް ޒާރާގެ ފަރާތުން  ފަހުދަށް ފެނިފައެއް ނޯންނާނެކަން ޒާރާއަށް ޔަގީނެވެ.

''އަހަރެން......... އަހަރެން ކީއްކުރީ........... ތިހެން ފަހުދު ބުނަންޖެހުނު ސަބަބެއް ނުވިސްނުނު.......'' ޒާރާ ޖޫސްތަށި ބޯލުމަށްފަހު ގޮނޑިން ތެދުވިއެވެ. އެތަނުގައި ގިނައިރު އިންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އަތްދޮންނަ ސިންކުކައިރިއަށް ދެވެންއޮތީ ފަހުދު ކައިރިން ލާފައެވެ. އެވަގުތަށް ފަހުދު އިނީ ނިކަން ހުޝިޔާރު ވެގެންނެވެ.

ފަހުދު އިށީދެގެން އިން ގޮނޑިއާ އަރާ ހަމަވިތަނުން، ޒާރާގެ އަތުގައި ފަހުދު ހިފެހެއްޓިއެވެ. ޒާރާއަށް ތެޅިގަނެވުނެވެ. އަތުން ހިފަހައްޓައިގެންހުރި ބިއްލޫރިތަށިވެސް އަތުން ދޫނުވީ ހަމަ ކިރިޔާއެވެ.

''ދޫކުރޭ............. ހާދަ ހަޔާތް ކުޑަވެގެން ތިއުޅެނީ.......... އިމްރާން ގާތުގަ ބުނަންޖެހިދާނެ ތިވައްތަރަށް ފަހުދު އުޅެންޏާ.............. ހަމަމިހާރު ދޫކުރޭ............ މިހާރު ކަންތައް ތިދަނީ މާ މައްޗަށް...............'' ޒާރާ ފަހުދުގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ފަހުދަށް އިންޒާރު ދިނެވެ. ރުޅިވެރިކަމާއެކުގައެވެ.

''ހެހެ.......އެހެންތަ.......... އޯކޭ......... އަވަހަށް ގުޅާ......... އެކަމަކު މި އަތުގަ އަހަރެން އެޅުވި އަނގޮޓިއަށް ވީގޮތެއް ބުނެފަ ގުޅަންވާނީ...........'' ފަހުދު ޒާރާގެ އަތްތިލައަށް ބަލާލަމުން ހީލިއެވެ.

ޒާރާގެ ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ގައިން ވަރު ދޫވާހެން ހީވިއެވެ. ބޮލަށް އެނބުރުން އެރިއެވެ. މުޅި ދުނިޔެ އެނބުރެން ފެށިއެވެ. އެއްވެސް ހަރަކާތެއް ނެތި ޒާރާ ހުރިއިރު އޭނާގެ ރީތި ދެލޯހުރީ ތަންމިނަށް ހުޅުވިފައެވެ. އެ ރީތި ދެލޮލަށް ކަރުނަ ޖަމާވާކަށް ގިނަ ވަގުތެއް ނުނެގިއެވެ.

ޒާރާގެ ކޮޓަރިއަށް ސިއްރުންވަދެ ޒާރާ ރޭޕް ކުރި މީހަކީ ފަހުދު ކަން އެނގުމުން ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ. ބުނާނެ އެއްޗެއް ހަދާނެގޮތެއް އޭނާއަކަށް ނޭގުނެވެ.

އަވަސް އަވަހަށް މޭޒުމަތީގައި ތަށި ބެހެއްޓުމަށްފަހު ލިފްޓާ ދިމާއަށް ދުއްވައިގަތެވެ. ލެއްޕެމުންދިޔަ ލިފްޓުގެ ދޮރުން އެތެރެއަށް ފަހުދު ދެމިގަތީ ނިކަން ހުޝިޔާރު ކަމާއެކުގައެވެ.

''ކަލެއަކީ އިންސާނެއް ނޫން.......... ތީ ހާދަ ނުބައިނުލަފާ މީ...........'' ޒާރާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޒާރާގެ އަނގަމަތީގައި ފަހުދު އަތް އެޅިއެވެ. އަދި ފަހުދުގެ ގަޔާ ކަރިއަށް ޒާރާ ދަމާލިއެވެ.

''އަހަރެން ކުރިކަމެއް ކުރީ ޒާރާގެ ރުހުމުގަ.........ޒާރާވެސް ބޭނުންވެގެން.......... ހެކި ބޭނުންތަ.............'' ޒާރާގެ ކަންފަތާ އަނގަ ކައިރިކޮއްލަމުން ފަހުދު ވައި އަޑުން ބުނެލިއެވެ. ޒާރާގެ ނަމުން ފަހުދު މުޚާތަބު ކުރުމުން އެކަމާ ޒާރާ ހައިރާނެއް ނުވެއެވެ.

''ކަލޭ މަށަށް ބިރު ދައްކާނެ ކަމެއް ނެތް.......... އިމްރާނަށް ގުޅާފަ ފަހުދުގެ ހުރިހާ ވާހަކައެއް ކިޔައިދޭނަން........ ..........'' ޒާރާ ފަހުދުގެ އަތް ދަށުން ދެމިގަތެވެ. އެވަގުތު ލިފުޓުގެ ދޮރު ހުޅުވުނެވެ. އެހެން ނަމަވެސް ޒާރާ ނިކުންނާކަށް ގަސްދެއް ނުކުރިއެވެ.

ޒާރާގެ ދެލޮލުން ފެންނަނީ އިންތިހާ ނަފުރަތެވެ. އެ ދެލޮލުން ފައިބަމުން ދާ ކަރުނައިގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން އެއްޗެއް ކަމެއް ހުދު ޒާރާއަކަށްވެސް ނޭނގެއެވެ. އޭނާ ދެން ދުނިޔޭގައި ހުރުމުގެ ބޭނުމެއް ވެސް ނެތެވެ. އިމްރާން ކަހަލަ މާތް މިހަކަށް ދެން އޭނާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކު ވެއްޖެއެވެ.

''ފަހަރީ.......... މީހަކަށް ފެނިދާނެ........ ދެން ތި ރުޅި މަޑުކޮއްފަ ހިނގާބަލަ އެތެރެއަށް...............'' ފަހުދު ދެވަނަ ފަހަރަށް ޒާރާގެ އަތުގައި ހިފެހެއްޓިއެވެ.

''ހަބަރުދާރު............. ގައިގަ އަތް ނުލާތި..............'' މިފަހަރު ފަހުދަށްވުރެ ކުޅަދާނަވީ ޒާރާއެވެ. ފަހުދުގެ މޫނުމައްޗަށް ޒާރާގެ އަތުގެ ހޫނު އެތިފަހަރެއް އެރީ އެފަދަ ކަމެއް ޒާރާ ކޮއްފާނެ ކަމަށް ފަހުދު ހީވެސް ނުކޮއް ހުއްޓައެވެ.

މޫނުގައި އަތުން ފިރުމާލެވުނީ ވީ ތަދުންނެވެ.

''އޭތް ........... މަށަށްވުރެ ނުލަފާ ވާނަމޭހިތާ ނޫޅޭތި އިނގޭ..........އަހަރެން ބޭނުމިއްޔާ މުޅި ދުނިޔެއަށް ކަލޭ ފަޟީހަތް ކޮއްލެވިދާނެ މަދު ސިކުންތު ކޮޅެއްގެ ތެރޭގަ.......... އަދި ތިޔަބުނާ އިމްރާނަކަށްވެސް ކަލޭގެ މާތްކަން ކަށަވަރު ކޮއްދީފާނަން އަހަރެން......... ޒާރާ އަށް ދައްކަންތަ.............ބަލާބަލަ...............ބަލަން ކެރޭނެތަ...............'' ފަހުދު ފޯނު ހާވާލަމުން ޒާރާއަށް ފޯނުގެ ސްކްރީން ދައްކާލިއެވެ.

------------------------------------

ނުނިމޭ.... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 02 މާރިޗް، ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް