މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގަ ރާއްޖެ ތަމްސީލް ކުރާ ވަކީލަކަށް އާމާލް ކްލޫނީ ހަމަޖައްސައިފި އެވެ.
އައިސީޖީއަށް އެ މައްސަލަ ހުށަހެޅީ 57 ގައުމު ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ގެންބިއާ އެވެ. ކޯޓުގައި ކުރިޔަށްދާ އެ މައްސަލައިގެެ ތެރެއަށް ރާއްޖެއިން ތަދައްހުލްވާން ވަރަށް އަވަހަށް ހުށަހަޅާނެ ކަން ހާމަ ކުރެއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އާމާލް މީގެ ކުރިން ވަނީ ރޮހިންޔާ މުސްލިމުންގެ މައްސަލަ އާއި ގުޅުންހުރި ބައެއް މައްސަލަތަކުގައި ވަކާލާތު ކުރައްވާފަ އެވެ. އެގޮތުން މިއަންމާގައި ހައްޔަރުކުރި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.
ރާއްޖޭގައި އޭނާ ބޮޑަށް ފާހަގަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން ސަލާމަތްކޮށް އިނގިރޭސިވިލާތަށް ގެންދިއުމުގައި ގާނޫނީ ވަކީލެއްގެ ރޯލު އަދާކުރި މީހެއްގެ ގޮތުގައި އެވެ.
މި މައްސަލައިގަ ރާއްޖެ ތަމްސީލް ކުރަނީ އާމާލް ކުލޫނީކަން ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގާ ގަތުލްއާއްމުން ސަލާމަތްކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން އަމުރުކޮށްފަ އެވެ. އެ އެންގުމަކީ މި މައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް