ހުސްނީ މުބާރަކް އަވަހާރަވެއްޖެ

ގާހިރާ (ފެބްރުއަރީ 25): މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ. މިސްރުގައި 1981 އިން ފެށިގެން 2011އާ ޖެހެންދެން ވެރިކަން ކުރެއްވި މުބާރަކް އަވަހާރަވީ އުމުރުން 91 އަހަރުގައި ...

25 Feb 2020 | 16:43

ގާހިރާ (ފެބްރުއަރީ 25): މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މިއަދު އަވަހާރަވެއްޖެ އެވެ.

މިސްރުގައި 1981 އިން ފެށިގެން 2011އާ ޖެހެންދެން ވެރިކަން ކުރެއްވި މުބާރަކް އަވަހާރަވީ އުމުރުން 91 އަހަރުގައި އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން ގާހިރާގެ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.މުބާރަކުގެ އޮޕަރޭޝަނެއް ޖެނުއަރީ 24 ވަނަ ދުވަހު ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ދަރިކަލުން އާލާ މުބާރާކް ވަނީ ވިދާޅުވެފަ އެވެ. އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

މުބާރަކްގެ 30 އަހަރުވީ ވެރިކަން ނިމުމަކަށް އައީ "އަރަބި ބަހާރު"ގެ ތެރޭ މިސްރުގައި 18 ދުވަސް ވަންދެން  ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ. އެ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ފައުޖުތަކާ ދެމެދު ހަމަނުޖެހުންތައް ހިނގައި 846 މީހަކު މަރުވެ، 6،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.އެކަމަކު މުބާރަކު ވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެ މުޒަހަރާގެ ބައިވެރިންގެ މަރާ ގުޅިގެން މުބާރަކްގެ މައްޗަށް ދައުވާކޮށް، 2012 ވަނަ އަހަރު އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. ނަމަވެސް 2017 ވަނަ މިސްރުގެ އެންމެ މަތީ އިސްތިއުނާފު ކޯޓުން ވަނީ އެހުކުމް ބާތިލުކޮށްފަ އެވެ.

މީގެ އިތުރުން މުބާރަކް އާއި ދެ ދަރިކަލުންކަމަށްވާ އާލާ އާއި ޖަމާލްގެ މައްޗަށް 2014 ވަނަ އަހަރު ދައުލަތުގެ އެތައް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި ކަމުގެ ދައުވާ ސާބިތުވި އެވެ. އަދި މުބާރަކް ތިން އަހަރަށް ޖަލަށް ލުމަށާއި ދެ ދަރިކަލުން ހަތަރު އަހަރަށް ޖަލަށް ލުމަށް އޭރު ހުކުމް ކުރި އެވެ. ނަމަވެސް މުބާރަކްގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ދައުވާތައް ސާބިތު ނުވާ ކަމަށް ހަމަ އެ އަހަރު ގާހިރާގެ ކްރިމިނަލް ކޯޓުން ނިންމި އެވެ. އަދި 2015 ވަނަ އަހަރު މުބާރަކްގެ ދެ ދަރިކަލުން ވަނީ ޖަލުން ދޫކޮށްލާފަ އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުބާރަކަކީ 1972-1975 އަށް މިސްރުގެ ވައިގެ ސިފައިންގެ ކޮމާންޑަރެކެވެ. މިސްރުގެ ގިނަ މީހުންގެ ނަޒަރުގައި މުބާރަކަކީ ހަނގުރާމައިގެ ބަތަލެކެވެ. މުބާރަކަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަންވަރު ސާދާތު އަވަހާރަކޮށްލުމުންނެވެ. އޭރު މުބާރަކަކީ ނައިބް ރައީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް