18 އަހަރަށް ފަހު ރާއްޖޭގެ މެންބަރެއްގެ މައްސަލަ އައިޕީޔޫގައި ނެތް މިއީ ފުރަތަމަ އަހަރު: ޝާހިދު

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ އިންސާނީ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިވަގުތު އިންޓަރޕާލަމެންޓްރީ ޔޫނިއަންގައި ނެތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހި...

25 Feb 2020 | 16:36

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ އިންސާނީ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިވަގުތު އިންޓަރޕާލަމެންޓްރީ ޔޫނިއަންގައި ނެތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ މަޖިލިސް މެމްބަރެއްގެ ހައްގުތައް ގެއްލުނު މައްސަލައެއް އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްގައި 2002 ވަނަ އަހަރުން ފެށިގެން ނެތި ދާ ފުރަތަމަ ފަހަރުކަމަށެވެ. މިނިސްޓަރ ޝާހިދު މިކަން ފާހަގަކުރެއްވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ މިހާރުގެ ޙާލަތާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ރައީސް އިބްރާހިން މުހައްމަދު ސާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހައްޤުތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާކަމުގެ ހެއްކެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޓީގައި މަޖިލިސް މެމްބަރެއްގެ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ މައްސަލައެއް މިވަގުތު ނެތްކަން އަންގަވައި، އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން މަޖިލިސް ރައީސްއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އައި.ޕީ.ޔޫގެ ކޮމިޓީ އޮން ހިއުމަން ރައިޓްސްއަކީ މެމްބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންގެ ހައްޤުތައް ހިމާޔަތްކޮށް، ބަރުލަމާނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްކުރާ އައިޕީޔޫގެ ކޮމިޓީއެވެ. މިކޮމިޓީއިން ރާއްޖޭގެ މައްސަލައިގައި އެންމެފަހުން ކަންބޮޑުވުން ފާޅުކޮށް، މައްސަލައެއްގެ ގޮތުގައި ނަގާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް ސަލާމަތީ ބާރުތަކުގެ ބާރުގެ ދަށަށް ގެނެސް، މަޖިލީހުގެ ބައެއް މެމްބަރުންނަށް މަޖިލިސް އިދާރާއަށް ވަނަނުދިން މައްސަލައިގައެވެ.

މީގެ އިތުރުން ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ކަނޑައެޅިފައިވާ ގޮނޑިތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީ ވަކީލުންނަށް ބޭނުންވާ މިނިވަންކަން ހޯދައިދީ، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ވަޒަންކޮށް، ޖަލުތަކަކީ މަންޑޭލާ ރޫލްސް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް  ފެތޭ ތަންތަނަށް ހެދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައި.ޕީ.ޔޫއިން ރާއްޖޭގެ މަޖިލިސް މެމްބަރުންގެ ހައްޤުތައް ގެއްލިގެން، ނުވަތަ މެމްބަރުންގެ ހައްޤުތަކަށް އުނިކަން ލިބިގެން ބަޔާން ނެރެފައިވާ މައްސަލަތަކުގެ ތެރޭގައި 2014 އޮގަސްޓްގައ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިޙް، މިހާރުގެ ފޮރިން މިނިސްޓަރ އަދި އޭރު ހެންވޭރު އުތުރު ދާއިރާ މެމްބަރު އަބްދުﷲ ޝާހިދު، މަޖިލީހުގެ މިހާރުގެ ނައިބު ރައީސާ އީވާ އަބްދުﷲ، މަޖިލީހުގެ އޭރުގެ ނައިބު ރައީސް މޫސާ މަނިކު،  މިހާރުގެ ޑިފެންސް މިނިސްޓަރ އަދި އޭރު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މިހާރުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް