ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިސްތިއުފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ގޮވާލައްވައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މަޖިލީހުން ފާސްކުރި މަސްވެރިންގެ ބިލުގައި ކަންކުރާނެ އުސޫލާއި ގޮތް އެކަށައެޅުމަށް ލިޔުނު ކަމަށާއި، އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް އެކަންކޮށްފައި ނުވާކަމަށެވެ. އަދި އޭނާ ވަނީ މިއަދު މަސްވެރިންގެ ހާލާއި، މިނިސްޓްރީ އޮތް މިސްރާބާއި، މިނިސްޓަރު ކޮބައިތޯ އަދި މިނިސްޓަރު މަސްވެރިންގެ ހާލަތު ދަންނަނީ ކިހާވަރަކަށްތޯ ސުވާލު ކުރައްވާފަ އެވެ.
"މިއަދު ކޮބައިތޯ މަސްވެރިންގެ ހާލަތު؟ މިނިސްޓްރީ އޮތީ ކިހާހިސާބެއްގަތޯ؟ ކޮބައިތޯ މިނިސްޓަރު؟ ކީއްތޯ ކުރެއްވީ؟ އަޅުގަނޑުމެން ދިވެހި މަސްވެރިންގެ މިއަދުގެ ހާލަތު ކިހާވަރަކަށްތޯ ދަންނަނީ؟" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެފައިވާ ކަމަށެވެ. ޝަހީމް ވިދާޅުވީ އެ މިނިސްޓްރީ ހިންގެވޭ ވަރުގެ ބޭފުޅަކު އެ މިނިސްޓްރީއަަށް ލައި، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދޭން ޖެހޭ ކަމަށެވެ.
އެކަމަކު އޭނާގެ ވާހަކާގައި ގެއްލިގެން އުޅެނީ މަސްވެރިންގެ ކޮން ހައްގެއް ކަމާއި މަސްވެރިންގެ ހާލަތު ދަށަށް ދިޔައީ ކީއްވެގެންކަން ވިދާޅެއް ނުވެ އެވެ.
ޝަހީމްގެ އިތުރުން މީގެ ކުރިން ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމު ވެސް ވަނީ ވަރަށް އަވަހަށް ޒަހާއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް