ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ފެށުމަށް އިދިކޮޅު ޕީޕީއެމްއިން ބާއްވާ ޖަލްސާ އޮންނަ ރޭ އިސްލާމިކް މިނިސްޓްރީން ދީނީ ދަރުސްއެއް ބާއްވަން ނިންމައިފި އެވެ.
މި ދަރުސް ދެއްވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު ދުވަހުގެ ރޭ ބާއްވާ ދަރުސްގެ މައުލޫއަކީ "ތިމާ ﷲ އާ ދުރުކޮށްލީ ކޮންކަމެއް އެއްޔެވެ؟" އެވެ.
ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ8:30 ގައި އިސްލާމީ މަރުކަޒު ހޯލުގައި އެވެ. ޝެއިހް އިލްޔާސްގެ ދަރުސްތަކަކީ ގިނަ ބަޔަކު ޝައުގުވެރިވާ އަދި އަޑުއަހަން ދާ ދަރުސްތަކެކެވެ.
https://twitter.com/MVIaffairs/status/1231861100364197890
ޕީޕީއެމްއިން އަންނަނީ އެރޭ އެ ޕާޓީން ބާއްވަން ތައްޔާރުވަމުން އަންނަ އެ ޖަލްސާއަށް ހުރަސް އެޅުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ. އެގޮތުން ޕީޕީއެމް/ ޕީއެންސީ ކޯލިޝަންއިން ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅުވައި ގިނަ މީހުން އެއްތަނަކަށް ނުއެއްވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރީވެސް ޖަލްސާއަށް ހުރަސްއަޅަން ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސް ކުރަނީ ޗައިނާއަށް ނުދާ މީހުންގެ ގައިންވެސް ކޮރޯނާ ވައިރަސް ފެނި ބަލި ފެތުރެމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެރޭ އިސްލާމިކް މިނިސްޓްރީން ދަރުސްއެއް ބާއްވަން ހަމަޖެއްސުމުން އެކަމާ ގުޅިގެން އިދިކޮޅުން އަދި އެއްޗެސް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް