ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ ތަން ބަދަލު ކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް ރަޖިސްޓްރީ ކުރީ އަދި އެންމެ ރިސޯޓަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކައުންސިލް އިންތިހާބުގަ ކަނޑައަޅާފައިވާ އަދަދު ހަމަވެއްޖެ ނަމަ 53 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން އީސީން ނިންމާފައިވެ އެވެ. އެ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ50 މީހުން އެ ފޮއްޓަށް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ނަމަ އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ މިހާތަނަށް50 މީހުން ރަޖިސްޓްރީކޮށްފައިވަނީ ކްލަބް މެޑް ކަނިފިނޮޅުގައި އެކަންޏެވެ. އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މީހުން ރަޖިސްޓްރީ ނުކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.
https://twitter.com/akram4535/status/1231908802687045635
ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފަިއވާ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ރިސޯޓުތަކުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރީ މަދުބައެކެވެ.
އެހެންވެ އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާޜު ހިންގާ ޕާޓީތަކުގެ ފިއްތުންތަކާއި ގުޅިގެން އިތުރު ފުރުސަތު ރީރަޖިސްޓްރޭޝަނަށް ދީގެން އިތުރު ރިސޯޓުތަކެއްގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރިސޯޓުތަކަށް ވޯޓުލާން ރަޖިސްޓްރީ ކުރި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އީސީން ބުނީ އެ އިންތިހާބަށް އެ ކޮމިޝަނުން ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް