އެމެރިކާއަށް އުފަން އުމުރުން ހަތަރު އަހަރުގެ ނޯހް ވޯލް އަކީ އުފަންވިއިރު ނުހިނގޭނެ، އަޑު ނީވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ އަދި ސިކުނޑި ނެތް ކުއްޖެކެވެ.
ނޯހް އަށް އޭނާގެ މަންމަ ބަނޑުބޮޑު އިރު ޑޮކްޓްރަުން ވަނީ ކުއްޖާ އެބޯޓް ކޮށްލުމަށް ތަކުރާރުކޮށް އަންގާފައި އެވެ. އެއީ ނޯހް އުފަންވާއިރު ހަށިގަނޑުގެ ގުނަވަންތައް ހަމަ ނުވާނެތީ އާއި އައިބު އެތައް ކަމެއް ކުއްޖާގެ ހުރުމުގެ އިތުރުން ފޫޅުން ތިރި ޕެރެލައިޒްވެފައި އޮންނާނެތީ އެވެ. އެކަމަކު މައިންބަފައިން ނިންމީ ނޯހް ދުނިޔެއަށް އުފަން ކުރާށެވެ.
މިހާރު އޭގެ ފަހުން ހަތަރު އަހަރުވެފައިވާއިރު ދާދިފަހުން އެމެރިކާގެ ޓީވީ ޗެނަލަކުން ވަނީ ނޯހް އަށް ހަތަރު އަހަރުތެރޭ އައިސްފާ ބަދަލާއި ފަރުވާކޮށްގެން ގުނަވަންތައް ބޭނުން ކުރުމުގައި ލިބިފައިވާ ކުރި އެރުންތައް ދައްކާލާފައި އެވެ.
މީގެ ދެ އަހަރު ކުރިން ނޯހް ގެ ސިކުނޑި އުފެދޭވަރު ބަލަން ހެދި ސްކޭން އަކުން ދައްކާފައިވާ ގޮތުގައި އުފަންވީން ސުރެ ދެ އަހަރު ތެރޭ އޭނާގެ ސިކުނޑި އުފެދިފައިވަނީ ދެ ޕަސެންޓެވެ. އެކަމަކު މިހާރު ސިކުނޑީގެ 80 ޕަސެންޓު އުފެދިފައިވާކަމަށް ސްކޭން އަކުން ދައްކާފައިވެ އެވެ.
އޭނާގެ މައިންބަފައިން އުންމީދު ކަނޑާނުލާ ފަރުވާދެމުންދާއިރު މިހާރު އުނދަގުލާއި އެކު ވާހަކަ ދައްކާ، ނަމްބަރުތައް ކިޔާ ހަދަ އެވެ. އަދި ހިނގުމަށް ހަށިގަނޑުގައި ހަރުކޮށްފައިވާ ފިލާގަނޑުގެ އެހީގައި މިހާރު އޭނާ ހިންގަން ދަސްކޮށްފި އެވެ.
ނޯހް އަށް ފަރުވާ ދެމުންދާ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ އެ ކުޑަ ކުއްޖާގެ ސިކުނޑިއަށް ދިމާވެފައިވާ މައްސަލަތަކަށް ފަރުވާ ދެމުންދާއިރު ސިއްހީ ދާއިރާގައި ނޭނގޭ އެތައް ކަމެއް ޑޮކްޓަރުންނަށްވެސް ދަސްވަމުންދާ ކަމަށެވެ. އަދި ނޯހްގެ ސިކުނޑީގައި ހުރި އުނިކަންތައްތައް ރަނގަޅުވަމުންދާތަން ފެންނާތީ ސިކުނޑީގެ ބަލިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އުންމީދު އާވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް