ސަރުކާރު ކުންފުނިތަކުގެ މުއްވައްޒަފުންނަށް މަޖުބޫރު ކޮށްގެން ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއި ކުރުވާތީ އެމްޑީޕީން އެ މައްސަލަ ބަލައި ދިނުމަށް ހުށަހެޅި ތިން މުއައްސަސާއިން އެކަން ބެލެން ނެތް ކަމަށް އަންގައިފި އެވެ.
އެމްޑީޕީން އެ މައްސަލަ ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށާއި، އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ލޭބާ ރިލޭޝަން އޮތޯރިޓީއަށެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގެ ޖަވާބުގައި އެޗްއާރުސީއެމުން ބުނެފައިވަނީ މަޖުބޫރު ކޮށްގެން މީހުން ޕާޓީއަށް ވައްދާނަމަ އެކަން އީސީ އަށާއި ލޭބާ ރިލޭޝަން އޮތޯރިޓީއަށް ހުށަހަޅައިގެން ކުރިޔަށް ދިއުމަށެވެ. އަދި އީސީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީން ދީފައިވާ ޖަވާބަކީ ކަމާ ގުޅޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.
ހަމަ މި މައްސަލައިގަ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރުގެ ފުރަތަމަ ކިއުން މިދިޔަ ހަފްތާގައި އިއްވިއިރު، އަންނަ ހަފްތާގައި އެ ގަރާރަށް ބަހުސް ކުރާނެ އެވެ.
ޕީޕީއެމް އަށް މެންބަރުން ވެއްދުމަށް ހިންގާ ތަފާތު ހަރަކާތްތައް މި ދުވަސްކޮޅު ވަނީ އިތުރުވެފައި އެވެ. ޕީޕީއެމް އިން ބުނީ އަމާޒަކީ 2018 ގެ ރިޔާސީ އިންތިހާބު އަންނަން ވާއިރަށް 150،000 މީހުން ޕީޕީއެމްގައި ތިބުން ކަމަށެވެ.
ޕީޕީއެމްއަށް މީހުން ވެއްދުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ކުންފުނިތަކުގެ މުވައްޒަފުންނަށް ޕާޓީއަށް ވަނުމަށް ސޮއި ކުރުމަށް މަޖުބޫރުކޮށް، ނުކުރާނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށްވެ އެވެ.
އަދި ޕީޕީއެމް އިން ދަނީ އާންމު ފަރާތްތަކުގެ ތެރެއިން ޕީޕީއެމްއަށް ސޮއި ކުރާ ފަރާތްތަކަށް ރާއްޖެއިން ބޭރު ދަތުރާއި ފައިސާގެ އިނާމު ދެމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް