N/A
މިހާރު ކުރިއަށްދާ ރައީސުލްޖުމްހޫރިއްޔާ
ރައްޔިތުންނާ ބައްދަލުކުރެއްވުންތަކުގައި ބައިވެރިވިން ހެއްޔެވެ؟ ނުވަތަ ބެލިން
ހެއްޔެވެ؟ ނުވަތަ އަޑު އެހިން ހެއްޔެވެ؟ މި ބައްދަލުވުންތަކުން ފާހަގަކުރެވުނު
އެއް ކަމަކީ ސަރުކާރު ބަދުނާމުކުރުން، ނުވަތަ ކަންކަމުގެ އިލްޒާމު ސަރުކާރުގެ
ބޮލުގައި އެޅުވުމަކީ ޤައުމީ "ރިފްލެކްސްއަކަށް" ވެފައިވާކަމެވެ.
ސަރުކާރުތަކުގެ އިހުމާލު ޙަޤީޤަތުގައިވެސް އޮތް
އެތައްކަމެއް މި ބައްދަލުވުންތަކުގައި ރައްޔިތުން ފާހަގަ ނުކުރެއެކޭ ނޫނެވެ.
ނަމަވެސް އޭގެއިތުރުންވެސް، ތިމާގެ ދިރުއުޅުމުގައި ގޯހުން ގޯހަށް ގޮސްފައިވާ
އެތައްކަމެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން ކަމަށް ބައެއް މީހުންގެ
ބަސްމަގުން ދޭހަވެއެވެ.
އަގުތައް ބޮޑުވުމާއި، މުސާރަތައް ކުޑަވުމުގެ
އިލްޒާމެވެ. ވަޒީފާއެއް ނެތް މީހުންނަށް ވަޒީފާ ނުލިބުމުގެ އިލްޒާމާއި، ވަޒީފާގައި
އުޅޭ މީހުންގެ މުސާރަ ކުޑަވުމުގެ އިލްޒާމެވެ. ކުލި ބޮޑުވުމުގެ އިލްޒާމެވެ.
ޖޫރިމަނާ ދައްކަން ޖެހުމުގެ އިލްޒާމެވެ. ވިޔަފާރި ބަނގުރޫޓުވުމުގެ އިލްޒާމެވެ. ތިމާގެ
ދަރިފުޅަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭއިރު، ކަންނެލި އޮޑީގައި މަސައްކަތްކުރާ
ބޭރު މީހާގެ ވޮލެޓު 2 އިންޗި ބޯވުމުގެ އިލްޒާމެވެ. ވޯޓު ހޯދައިދޭން މަސައްކަތް
ކުރުމުންވެސް ވަޒީފާއެއް ނުލިބުނުކަމުގެ އިލްޒާމެވެ. އާދެ، ރޭވިގޮތަށް ދިރިއުޅުން
ކުރިއަށް ނުދިއުމުގެ އިލްޒާމެވެ. މިހެންގޮސް އެތައްކަމެއްގެ އިލްޒާމު އަޅުވާތަން
ފެންނަނީ ވޭތުވެދިޔަ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ބޮލުގައެވެ.
ކަންކަން ގޯސްވުމުގެ ޒިންމާ ތިމާ ނޫން އެހެން
ފަރާތަކަށް ބަދަލުކުރުމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެއްކަމުގައިވުން
ވެދާނެއެވެ. ކަންކަމުގެ ޒިންމާ ތިމާ ނޫން އެހެން ފަރާތަކަށް ބަދަލުކުރުމަކީ އަމިއްލަ ނަފްސު ކުށްވެރި ކުރުމުން ސަލާމަތްކޮށްދޭ
ކަމެއްކަމުގައިވެސް ވެދާނެއެވެ. ނަމަވެސް އެހެންމީހުން ބަދުނާމުކުރުން،
ނުވަތަ ސިޔާސީ ބޭނުމެއްގައި ނަމަވެސް ހުރިހާކަމަކާ ސަރުކާރު މަތިކުރުން އާދައަކަށް
ވެއްޖެނަމަ، އޭގެ ނަތީޖާއަކީ ސަރުކާރާއިމެދު މީހުން ދެކޭގޮތް ބަދަލުވުމުގެ
އިތުރުން، އަހަރެމެންގެ އިޤުތިޞާދީ އުޅުންވެސް ވަކިގޮތަކަށް ބައްޓަންވެގެން ދިއުމެވެ.
ކަންކަން ގޯސް ވުމުގެ އަސްލަކީ ސަރުކާރުތަކުގެ
ދޯހަޅި ސިޔާސަތުތައް ކަމަށް ވުމަކީ ވަރަށްވެސް އެކަށީގެންވާކަމެކެވެ. އެކަމަކާ
ދެބަހެއް ނުވަމެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންވިޔަސް ނުވަތަ އެނޫންވެސް
ސަބަބަކާހުރެ، ކުރާ މަސައްކަތާއި އުޖޫރައާ ނުބައްދަލުކަމަށް މަސައްކަތްތެރިންނަށް
ޤަބޫލުކުރެވޭނަމަ، އުފެއްދުންތެރިކަން ދަށަށްދެއެވެ. ރިސްކު ނެގުމަކީ ކުރިއެރުމުގެ
ޝަރުތެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، ރިސްކު ނެގުމަކީ މޮޔަކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭނަމަ
ވިޔަފާރިތަކުގެ ކުރިއެރުން މަޑުޖެހެއެވެ. ނާކާމިޔާބީއަކީ "ފީޑްބެކްއެއްގެ"
ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި، ނާކާމިޔާބީއަކީ އަނިޔާވެރި ނިޒާމެއްގެ
ސަބަބުން ނުވަތަ ސަރުކާރުގެ ގޯސް ސިޔާސަތެއްގެ ސަބަބުން ވީކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭ
ހިސާބުން، އައު އީޖާތުތައް ކުރުން ހުއްޓިގެންދެއެވެ. އެ ހިސާބުން މާޔޫސްވެ، ކާމިޔާބު
ހޯދުމަށް އަމިއްލައަށް މަސައްކަތްކުރުން ހުއްޓާލައި، ކޮންމެވެސް އެހެން ދިމާލަކުން
ކާމިޔާބީ އަތުވެދާނެކަމަށް އިންތިޒާރުކުރެވެއެވެ. އާދެ، އަމިއްލަ ދިރިއުޅުން
ތަރައްޤީ ކުރުމުގެ ޒިންމާ ފުރޮޅިގެންދަނީ އެހެން ފަރާތަކަށެވެ.
މިއާއިއެކު، ކުރިއެރުން ހޯދުމަށް މަސައްކަތްކުރުން
ހުއްޓާލުމުން، ނުވަތަ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން ދަށްވެއްޖެނަމަ
އިޤުތިޞާދީ ދުވެލިވެސް ދާނީ ބޮނޑު ނަގުލަށެވެ. މިސާލަކަށް، ފުލެޓުތަކުގެ ކުލި އަދި
ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން އިއުލާންކުރުމާއެކު، ޚާއްސަކޮށް މާލީގޮތުން ދަތި
ހާލުގައި ތިބި އާއިލާތަކަށް، އެ ނިންމުމަކީ ހެޔޮ، އަދި މި ވަގުތަށް އެކަށީގެންވާ
ނިންމުމެއް ކަމަށް ޤަބޫލު ކުރެވިދާނެއެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ކުރު
މުއްދަތަށް ބަލާއިރު، ކުރަންޖެހޭ ޚަރަދުތައް ކުޑަވުމަކީ މާލީ ދަތިކަން ލުއިކޮށްދީފާނެ
ކަމެކެވެ. އަދި މިފަދަ ނިންމުންތަކަކީ ސިޔާސީގޮތުންވެސް މަޤުބޫލު ނިންމުންތަކަކަށް
ވެދާނެއެވެ. ނަމަވެސް، އިޤުތިޞާދީ ސިޔާސަތުތަކާއި ނިންމުންތައް
އިވެލުއޭޓްކުރަންވާނީ ހަމައެކަނި މިއަދު އަހަރެމެންނަށް ދިމާވެފައިވާ ތަކުލީފުތައް
ލުއިކޮށްދޭތޯ ނުވަތަ ނޫންތޯ ބަލައިގެން އެކަންޏެއް ނޫނެވެ. އެފަދަ ނިންމުންތަކުގެ
ސަބަބުން މާދަމާ އަހަރެމެންނަށް ހިއްވަރުލިބިދާނެ ކަންކަމަށްވެސް ބެލުން ވަރަށް
މުހިންމެވެ.
ބޮޑުވަމުންދާ އަގުތަށް ނުވަތަ ބޮޑުވަމުންދާ ކުލިތައް،
ސަރުކާރުން ތަކުރާރުކޮށް ދަށްކުރާނަމަ، އެކަމުން ހިތްވަރުދޭ ކަންކަން ނުވަތަ
"އިންސެންޓިވްސް" ބަދަލުވެގެންދެއެވެ. މިސާލަކަށް ދަންނަވާނަމަ،
އަހަރެންގެ ޚަރަދުތަކަށް ދައުލަތުން ޒިންމާ ނަގާނަމަ، ފަހަށް ފައިސާ ރައްކާކުރުމަކީ
އަހަންނަށް މުހިންމު ކަމެއް ނޫނެވެ. މުސްތަގުބަލަށް ރޭވުމަކީ އަހަންނަށް
އިޚްތިޔާރީ ކަމެއްކަމަށް ވެގެންދެއެވެ. ސަބަބަކީ، އަހަރެންގެ މާލީ ދަތިކަން،
ފަހުންވިޔަސް ދައުލަތުން ލުއިކޮށްދޭނެ ކަމުގެ އުންމީދު މަޑުމަޑުން އުފެދުމެވެ.
މިއީ އަޚްލާޤަށް އަންނަ ބަދަލަކޭ ބުނާކަށް
ނެތީމެވެ. ނަމަވެސް މިއީ ހަމަގައިމުވެސް އިޤުތިޞާދީ ސިގުނަލްތަކަކަށް ދެވޭ
ރޭޝަނަލް ޖަވާބެކެވެ. އިޤުތިޞާދުތައް ބިނާވެފައިވަނީ އޮންނަނީ މިފަދަ ސިގުނަލްތަކެއްގެ
މައްޗަށެވެ. ތަކެތީގެ އަގުތަކަކީ
"ސަޕްލައި" ނުވަތަ ތަކެތި ލިބެންހުރި މިންވަރު އަންގައިދޭ ސިގުނަލެކެވެ.
މަސައްކަތްތެރިންގެ މުސާރަތަކަކީ އުފެއްދުންތެރިކަމުގެ ސިގުނަލެކެވެ. ރިސްކަކީ
ލިބެންހުރި ފުރުޞަތުތައް އަންގައިދޭ ސިގުނަލެކެވެ. މި ސިގުނަލްތަކުގެ ބާރު
ދެރަވުމުން، (މިސާލަކަށް، ސަޕްލައި ގެ ބަދަލުގައި ސަރުކާރުން އަގުތަށް
ދަށްކުރުމުން، ނުވަތަ ގެއްލުންތައް ސަބްސިޑައިޒް ކުރުމުން، ނުވަތަ ސަރުކާރުންދޭ
ގެރެންޓީ އަކުން ރިސްކު ކުޑަކުރުމުން) އެއާ އެއްގޮތަށް އަހަރެމެންގެ އުޅުންވެސް
ބަދަލުވެއެވެ. އޭގެ މާނައަކީ އަހަރެމެން ކުރަންޖެހޭ ޚަރަދުތައް ކުޑަވުން ނުވަތަ ޚަރަދުތައް
ނެތިގެން ދިއުމެއް ނޫނެވެ. އެ ޚަރަދުތައް ހަމަ ހުރިގޮތަށް ދެމިހުރެއެވެ. އެ
ޚަރަދުތައް ފޫބައްދަން ޖެހެނީ ދައުލަތުގެ މާލިއްޔާއިންނެވެ. ނުވަތަ މުސްތަގުބަލުގައި
ޓެކްސް ދައްކާ ފަރާތްތަކުންނެވެ. ނުވަތަ މި ޚަރަދުތައް ފަހުން ފެންމަތިވަނީ އެހެން
ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓް ލަސްވުން ނުވަތަ އެހެން ދާއިރާތަކަށް
މާލިއްޔާއިން އެއްވެސް އިންވެސްޓްމެންޓެއް ނުކުރުން ނުވަތަ ނުކުރެވުމުގެ
ސިފައިގައެވެ.
ރާއްޖެކަހަލަ ކުޑަ އިޤުތިޞާދެއްގައި، މީގެ އަސަރު
އަދި މާބޮޑަށް ތަޙައްމަލް ކުރަންޖެހެއެވެ. މި ރާއްޖޭގައި ކޮންމެ ކަމެއްވެސް މި
ކުރެވެނީ ގިނަފަހަރަށް އެންމެ ޚަރަދުބޮޑު ގޮތްގޮތަށެވެ. މިކަން އަބަދު މިހެންނެއް
ނުކުރެވޭނެއެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައިވަނީ މަދު ސިނާޢަތްތަކެއްގެ
މައްޗަށެވެ. މަދު ޤުދުރަތީ ވަސީލަތްތަކެއްގެ މައްޗަށެވެ. އަދި އަބަދުވެސް ހާލަތާއެއްގޮތަށް
ބަދަލުވާންޖެހޭ މަސައްކަތްތެރިންތަކެއްގެ މައްޗަށެވެ. ސަރުކާރުގެ ސިޔާސަތުގެ
ސަބަބުން ލިބިދާނެ ލުއިކަމަކަށް އިންތިޒާރުކޮށްގެން ފަރުދުން އެމީހުންގެ އަމިއްލަ ޒިންމާނެގުން
ލަސްކުރާއިރު، އެއާއި އެއްވަރަށް ވިލުންތެރިކަންވެސް ކުޑަވެއެވެ. ވަގުތަކުން
ނޫނެވެ. ލަސްލަހުން، ނަމަވެސް ދެމިއޮންނަ ގޮތަކަށެވެ.
ނަތީޖާއަކީ، އޮންޓްރަޕްރިނިއަރޝިޕް ދަށްވުމެވެ.
ހުނަރުތައް ތަރައްޤީކުރުން މަޑުޖެހުމެވެ. އިތުރު މާލީ ލުއިތައް ހޯދައިދިނުމަށް ސަރުކާރުތަކަށް
ސިޔާސީ ޕްރެޝަރު ބޮޑުވުމުވެ. ސަރުކާރުތަކަށް ޖެހެނީ ރައްޔިތުންނަށް މިނިވަންކަމާއި
ޙައްޤުތައް ދިނުމުގެ ބަދަލުގައި، ރައްޔިތުން ސަރުކާރަށް ބަރޯސާވުން މެނޭޖްކުރުމަށް
މަސައްކަތްކުރާށެވެ. ލުޔެއް ދިނުމުގެ މަގުސަދުގައި ވަގުތީގޮތުންކުރާ ކަންކަން، ސްޓްރަކްޗަރަލް
ނުވަތަ ދާއިމީކޮށް ކުރާ ޚަރަދަކަށް ވެގެންދެއެވެ.
މި ބުނަނީ ސަރުކާރުން ރައްޔިތުންނަށް
އެއްވެސްކަމެއް ކޮށްދޭން ނުޖެހޭ ވާހަކައެއް ނޫނެވެ. ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން
ފޯރުކޮށްދިނުމަކީ ލާޒިމް ކަމެކެވެ. ޚާއްޞަކޮށް އިޤުތިޞާދީގޮތުން މެދުވެރިވާ ކުއްލި
ހާލަތްތަކުގައެވެ. ނަމަވެސް އެހީތެރިކަން އެންމެ ރަނގަޅަށް މަސައްކަތްކުރަނީ އެ
އެހީތެރިކަމަކީ ރައްޔިތުން ކުރިއަރައި ދިއުމުގެ މެދުވެރިއަކަށް ވާނަމައެވެ. އެ
އެހީތެރިކަމަކީ އެއްވެސް ކަމެއް ނުކޮށް، ދެއަތް އުރާލައިގެން ރައްޔިތުން މަޑުމަޑުން
ތިބުމުގެ މެދުވެރިއަކަށް ވާނަމަ އެއީ ބޭކާރު އަދި ނުރައްކާތެރި އެހީތެރިކަމެކެވެ. މި
ތަފާތު އެނގުން ވަރަށް މުހިންމެވެ.
ތާރީޚު ދައްކާ ގޮތުގައި، ޒިންމާނެގުމުގެ މައްޗަށް
ބިނާވެފައިވާ އިޤުތިޞާދުތައް، ސަރުކާރުން ކޮށްދޭ ކަންކަމުގެ މައްޗަށް
ބިނާވެފައިވާ އިޤުތިޞާދުތަކަށްވުރެ ރަނގަޅަށް މަސައްކަތްކުރެއެވެ. އެއީ އެފަދަ އިޤުތިޞާދުތަކުގައި
ސަރުކާރުގެ ދައުރު ކުޑަވެގެންނެއް ނޫނެވެ. ނަމަވެސް އެއީ އެފަދަ އިޤުތިޞާދުތަކުގައި
ރައްޔިތުން ޒިންމާދާރު ކަމާއެކު މަސައްކަތްކުރާތީއެވެ. އެފަދަ އިޤުތިޞާދެއްގައި
ސަރުކާރު ޒިންމާދާރު ކުރުވާނީ، ފަރުދުން އެމީހުންގެ އަމިއްލަ ޒިންމާ ދޫނުކޮށެވެ. އެފަދަ
އިޤުތިޞާދެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވާނީ، ފަރުދުން އެމީހުން ކުރަންޖެހޭ މަސައްކަތް
އެހެން ބަޔަކަށް "އައުޓްސޯސް" ކުރުމަކާއިނުލައެވެ. ނަތީޖާ އަކީ ތޯއެވެ؟
އާޚިރުގައި ތަރައްޤީ އަކީ ޕޯސްޓުން ޑެލިވަރ ކުރީމާ ލިބޭހެން ލިބޭ އެއްޗަކަށްވުމުގެ
ބަދަލުގައި، ތަރައްޤީ ވާނީ ބިނާކުރާ އެއްޗަކަށެވެ.
އިޤުތިޞާދަކަށް ޤަބޫލުކުރެވޭނެ އެންމެ ނުރައްކާތެރި
ޢަޤީދާއަކީ، އަހަރެމެންގެ އަމިއްލަ މަސައްކަތުން ހޯދިދާނެ ނަތީޖާއަކަށް އެހެން
ބަޔަކު އައިސް ޒިންމާވާނެ ކަމަށް ޤަބޫލުކުރުމެވެ. ބައެއްފަހަރު އިލްޒާމު އެޅުވުން ޙައްޤުހެން
ހީވިޔަސް، ހަޤީޤަތުގައި އިޤުތިޞާދު ދިރުވައި ކުރިއެރުވޭނީ އަހަރެމެން،
އަހަރެމެންގެ އަމިއްލަ ޒިންމާވެސް ނަގައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް