މަސައްކަތު މާހައުލުގެ ރައްކާތެރި ކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުން، ހޮޓެލް ޖެންގައި ބާއްވައިފި އެވެ.
މިއީ މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކޮށް މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްތެރިންނާއި މަސައްކަތް ކުރުވާ ފަރާތްތައް އަހުލުވެރިކުރުމަށްޓަކާ ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރ، އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރިއަށް ގެންދާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކެންޕޭންގެ ހަރަކާތެއްގެ ގޮތުގައި ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނަށާއި ސަރުކާރު ހިއްސާވާ އަދި ޕްރައިވެޓް ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނަށް މަސައްކަތު މާހައުލުގެ ސަބަބުން ޖެހޭ ބަލިތަކާއި ކުރިމަތިވާ ނުރައްކާތަކާއި ބެހޭގޮތުންނާއި، ރައްކާތެރިކަން ކަށަވަރު ކުރުމުން ލިބިގެންދާ ފައިދާ ތަކާއި މަސައްކަތު މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޢުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.
މަސައްކަތު މާހައުލަގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްސަސާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ސަރުކާރުގެ ގުޅުންހުރި މުވައްސަސާތަކާ އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
މިބައްދަލުވުމުގައި އެކި މުވައްސަސާތަކުގައި ހިނގާފައި ހުރި ނުރައްކާތެރި ހާދިސާތަކުގެ މައްޗައްވަނީ އަލި އަޅުވާލެވިފައެވެ.
މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން، ވަޒީފާދޭ ފަރާތުން މަސައްކަތު މާހައުލުގެ ރައްކާތެރިކަމުގެ އާލާތްތައް ފޯރު ކޮށް ދިނުމުގެ މުހިންމުކަމާއި، މަސައްކަތުގައި އުޅޭވަގުތުތަކުގައި ނުރައްކާތެރި ހާލަތްތައް ދެނެގަންނަން އެނގުމާއި، މަސައްކަތާއި ގުޅޭ ސަލާމަތީ އާލާތްތައް ބޭނުންކުރުމާއި ގުޅޭގޮތުން މުވައްޒަފުން އަހުލުވެރިކުރުމާއި ތަމްރީން ކުރުމުގެ މުހިންމުކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ހަމައެއާއެކު، މި ބައްދަލުވުމުގައި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެކި މުވައްސަސާތަކުގައި ހުރި ގޮންޖެހުންތައްވެސް ފާހަގަކުރެވުނެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި "މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ބިލް" ފާސްކޮށް ތަންފީޒް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހުރިހާ ބައިވެރިންވެސް ފެންނަކަމަށް ހުށައެޅުނެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލަޕްމަންޓުންން 2021 ވަނަ އަހަރުގައި މަސައްކަތުމާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ފާސްކުރުމާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް