އެމްއެމްއޭ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު: 6/81) އަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި...

24 Dec 2020 | 16:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު: 6/81) އަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި ހިނގާ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ މައިގަނޑު މަޤްޞަދުތަކަށް އިޞްލާޙު ގެނެސްފައި ވެއެވެ.

އެ ގޮތުން، އެ އޮތޯރިޓީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަޤްޞަދު ޙާޞިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ.

ހަމަ އެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމް.އެމް.އޭ.ގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

އެމް.އެމް.އޭ.ގެ ޤާނޫނަށް ގެނައި މި އިޞްލާޙުގައި ޤާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.

އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި، އަދި ޤާނޫނުގައި "ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން" މާނަކޮށް މި ބިލުގައި ހިމަނާފައި ވެއެވެ.

މީގެ އިތުރުން، އެމް.އެމް.އޭ.ގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، އެ މަޤާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިޞްލާޙު ގެނެސްފައިވެއެވެ. ހަމައެހެންމެ، އެމް.އެމް.އޭ.ގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިޞްލާޙު ގެނައުމުގެ އިތުރުން، މި ބިލުގައި އަލަށް ހިމަނާފައިވާ މާއްދާތަކާ ބައިތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަދި "ސެކިއުރިޓީޒް މާރކެޓް" އާ ގުޅޭ ކަންކަން މި ބިލުގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް ހަތަރުވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ، ޢަމަލުކުރައްވަން ފަށްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް