ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ނުދޭން ނިންމައިފި އެވެ.
ބޭސް ފަރުވާއަށް ފުރުމުގެ ހުއްދައަށް ޖިހާދު އެދިފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
މިއަދުގެ އެ އަޑުއެހުމުގައި ޖިހާދުގެ ގާނޫނީ ވަކީލް ހަސަން ފަލާހް ވިދާޅުވީ އިމްސޮމްނިއާ އާއި ހަކުރު ބައްޔާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ޖިހާދުގެ އެބަހުރި ކަމަށާއި ފަރުވާ ހޯއްދަވަން ދުބާއީއަށް ވަޑައިގަންނަވަން މިހާރު ވެސް ޓިކެޓު ނަންގަވާފައިވާ ކަމަށެވެ. އަދި ޖިހާދުގެ ދަރިން ހިމެނޭހެން އާއިލީ ގިނަ ބޭފުޅުން މިހާރުވެސް ދުބާއީގައި ތިއްބެވި ކަމަށެވެ.
ވަކީލު ވިދާޅުވީ ޖިހާދުގެ ދެ ދަރިން ކިޔަވަން ގޮސް ތިބެނީ ދުބާއީގައި ކަމަށާއި އެ ދެ ދަރިންނާ ބައްދަލު ނުކުރެވޭތާ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ދަރިފުޅު ބަލި ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޖިހާދު ރާއްޖެއިން ބޭރަށް ފުރުމަށް ދައުލަތުން ވަނީ އިއުތިރާޒު ކޮށްފަ އެވެ.
ދައުލަތުން ބުނީ ޖިހާދަށް ކޮށްފައިވާ ދައުވާ އަކީ ޖިނާއި ބޮޑު ދައުވާއަކަށް ވާއިރު، އޭނާއަށް ފަސް އަހަރުގެ ހުކުމެއް އައުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ޖިހާދު ފުރައިފި ނަމަ، ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ.
" ދުބާއީއާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތް. އެހެންވީމަ އޭނާ (ޖިހާދު) ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނޯންނާނެ." ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފަ އެވެ.
އެއީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު، ނިންމެވި ނިންމުމަކާ ގުޅިގެންނެވެ.
އެ މައްސަލަ ސާބިތުވެއްޖެ ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އޭގެ އިތުރުން، އޭސީސީއިން އަންނަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްވެސް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް