ސިކުނޑިއަށް ގެއްލުންވާގޮތަށް ކޮންމެ ދުވަހަކު ކުރެވޭ ކަންތައްތައް

ހެނދުނުގެ ސައި ނުބޮވުން މި ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި އޮންނަގޮތުން ހެނދުނުގެ ވަގުތަކީ އެންމެ އަތްމަތި އަވަސްއަރުވާލައިން އުޅެންޖެހޭ އެއް ވަގުތެވެ. އަވަހަށް އޮފީހަށް ދިޔުމަށްޓަކައި ނުވަތަ އަދިވެސ...

24 Dec 2020 | 15:11

ހެނދުނުގެ ސައި ނުބޮވުން

މި ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި އޮންނަގޮތުން ހެނދުނުގެ ވަގުތަކީ އެންމެ އަތްމަތި އަވަސްއަރުވާލައިން އުޅެންޖެހޭ އެއް ވަގުތެވެ. އަވަހަށް އޮފީހަށް ދިޔުމަށްޓަކައި ނުވަތަ އަދިވެސް ދެން ދާންޖެހޭ ތަނަކަށް ދިޔުމަށްޓަކައި ސައި ތައްޔާރުކޮށްފައިހުއްޓައިވެސް ގިނ ފަހަރަށް ދެވެނީ ސައި ނުބޮވެއެވެ. މިއީ ޢާންމު ކަމެއް ކަމުގައިވީ ނަމަވެސް މިކަމުގެ ސަބަބުން ސިކުނޑިއަށް ނުހަނު ގެއްލުން ލިބޭ ކަމެކެވެ. ހެނދުނުގެ ސައި ނުނަގާނަމަ ލޭ ދައުރުކޮށްދިނުން ދައްވެ ސިކުނޑިއަށް ބޭނުންވާ ފުރިހަމަ ނިއުޓްރިއެންޓްސް ނުލިބެއެވެ. ސިކުނޑިއަށް ބޭނުންވާ މިންވަރަށް ނިއުޓްރިއެންޓްސް ނުލިބުމަކީ ދިގު މުއްދަތަކަށް ސިކުނޑިއަށް އޭގެ ނުހަނު ގެއްލުން ލިބޭ ކަމެކެވެ.

މާ ގިނައިން ކެއުން

ކޮންމެ ކަމެއްގައިވެސް ހައްދުފަހަނައެޅުމަކީ ރަނގަޅުކަމެއް ނޫންކަމުގައި އަހަރެމެން އެންމެނަށްވެސް އެނގެއެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ކެއުމަކީ ރަނގަޅު ކަމެއް ކަމުގައިވާ ބީދައިން މާ ގިނައިން ކެއުމަކީވެސް ހަށިގަނޑަށް ނުހަނު ގެއްލުން އޭގެން ލިބިދޭ ކަމެކެވެ. މާ ގިނައިން ކެއުމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވައިދިނުމަށް ދަތިވެއެވެ. މިކަމުގެ ސަބަބުން ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އަޅައެވެ. މީގެ އިތުރުން ހަށިގަނޑުގައި ބޭކާރު މަސް ޖަހައި މާ ބޮޑަށް ފަލަވުމުގެ ސަބަބުން ޑިޕްރެޝަންއަށް މީހާ ދިޔުމަށްވެސް މަގުފަހިވެއެވެ.

މަދުން ނިދުން

މަދުން ނިދުމުގެ ސަބަބުން ކަންކަން ހަނދާންބަހައްޓަން އުނދަގޫވެއެވެ. މިސާލަކަށް އާންމުކޮށް ގެއަށްދާ މަގުން ގެއަށް ދަނިކޮށް މަގު އޮޅުން ނުވަތަ ތަޅުދަނޑިފަތި ލެވުނު ތަނެއް ހަނދާނުގައި ނުހުރުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އެއީ ނިދި މަދުވުމުގެ ސަބަބުން ސިކުނޑީގެ ބައެއް ސެލްތައް މަރުވެ ސިކުނޑީގެ ހަނދާނުގެ ބައި ދަށްކޮށްލައެވެ. އެހެންކަމުން ކޮންމެ ދުވަހަކު މަދުވެގެން 7 ނުވަތަ 8 ގަޑިއިރު ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަކުރުގެ ބާވަތްތައް ބޭނުންކުރުން

އެނގިގެންނާއި އަދި އެނގުމެއްނެތި ނުވަތަ ހަނދާންނެތިގެންވެސް ހަކުރުގެ ބާވަތެއް ބޭނުން ނުކުރެވޭ ދުވަހެއް ވަރަށް މަދެވެ. ހަކުރަކީވެސް ސިކުނޑިއަށް އޭގެ ނުބައި އަސަރު ފޯރާ ކަމެކެވެ. ހަނދާންނެތުމާއި އައު ކަންތައްތައް ދަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެހެންކަމުން ދެން ފަހަރަކުން ތަނަކަށް ކާން ގޮއްސައި ނުވަތަ ގޭގައި ކެއުމެއް ތައްޔާރުކޮށްގެން އުޅޭއިރުވެސް ކޯކު ފުޅިއެއް ބޯލާއިރު ވަރަށް ބޮޑަށް ވިސްނަން އެބަޖެހެވެ. ސަބަބަކީ ކޯކު ފުޅިއަކުން ހަށިގަނޑުގެ އެތެރެއަށް އެ ފޮނުވާލެވެނީ 20 ވަރަކަށް ސަމުސާ ހަކުރެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން

ދުންފަތަކީ އަހަރެމެންގެ މުޖުތަމަޢަށް ޖެހިފައިވާ އެންމެ ބޮޑު އެއް ވަބާއެވެ. އެކަމުގެ ތެރެއަށް ވަދެވޭ މީހަކަށް ދެން އެއަށްވުރެން ބޮޑެތި ކަންކަމުގެ ތެރެއަށް ގިނަ ފަހަރަށް ދަނީ ވަދެވެމުންނެވެ. ދުންފަތުން ހިތާއި ފުއްޕާމެއާއި އަދި ސިކުނޑީގެ ބަލިތައް ޖެހުމަށް މަގުފަހިކުރުވައެވެ. އަދި ސިކުނޑީގެ ސެލްތައް މަރުވެ ތަފާތު އެތަށް ނުރައްކާތެރި ބަލިތަކަކަށް މަގުފަހިކުރުވައެވެ.

ނިދާ ވަޤުތުގައި ބޮލުގައި ރަޖާ ނުވަތަ އެ ނޫންވެސް އެއްޗެއް އެޅުން

ނިދާ ގަޑީގައި ރަޖާއެޅުމަކީ މިއީ ވަރަށް ޢާންމުކަމެކެވެ. ގައިގައި ރަޖާ އެޅި ނަމަވެސް މުޅި ބޮލުގައްޔާއި އެކު ރަޖާ އަޅާ މީހުން މަދުން ނަމަވެސް އުޅެއެވެ. އެއީ ގެއްލުން ހުރި ކަމެއްކަން އެނގިފައިނެތީ ކަމުގައިވެސް ވެދާނެއެވެ. މިކަނުގެ ސަބަބުން ހަށިގަނޑުގައި ކާބަންޑައި އޮކްސައިޑް ގިނަވެ އޮކްސިޖަން މަދުވެއެވެ. އަދި އޮކްސިޖަން މަދުވުމުގެ ސަބަބުން ސިކުނޑި މަސައްކަތް ކުރަންވާ މިންވަރަށް މަސައްކަތް ކުރަން ދަތިވެއެވެ. އަދި ސިކުނޑިއަށް އަރާމު ނުލިބި ނިދުމުގެ އަރާމުކަން އިހުސާސްނުވެ މާ ގިނައިން ނިދަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް