ޕެންޝަން އޮފީހަށް ބިދޭސީ ސީއީއޯއަކު އައްޔަން ކުރުމުން ފާޑުކިޔުން!

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ހަމަޖެއްސުމުން ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ. ޕެންޝަން އޮފީހުން މިއަދު ބ...

24 Dec 2020 | 12:04

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ހަމަޖެއްސުމުން ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ ޖޯން ގްރިންޑަލް އަކީ އިންޝުއަރަންސާއި ޕެންޝަނާ ބެހޭ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ޖޯން ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ފުރުއްވާފައި ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ބިދޭސީ އަކު ހަމަޖެއްސުމުން ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް އެ އޮފީހަށް ފާޑު ކިޔަމުންނެވެ. އެގޮތުން މަތީ މަގާމުތަކަށް އައްޔަން ކުރާ ފެންވަރު ހުރި ދިވެހިންނެތީ ތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު އަދާ ކުރެއްވޭ ފެންވަރު ހުރި އެތައް ދިވެހިންނެއް ތިބޭނެ ކަމަށެވެ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިއީ ދިވެހިންނަށް މި ސަރުކާރުން ކުރާ މަލާމާތެއް ކަމަށާއި އެއީ ތަންފުކެއް ބޮޑުވަރު ކަމަށެވެ.

މިކަމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅު ކުރި ބައެއް ބުނީ މަތީ މަގާމުތަކުގެ ވަޒީފާތައް ބިދޭސީންނަށް ދެނީ މި ސަރުކާރުގެ ސިއްރު އެޖެންޑާއެއްގެ ދަށުން ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ދިވެހިން ނިކަމެތިކޮށް ބޭރު މީހުން ރާއްޖެ ގެނެސް ފުރާލުން ކަމަށް މީހުން ބުނެފައިވެ އެވެ.

https://twitter.com/redwave_saleem/status/1342061585032912898

ޕެންޝަން އޮފީހަކީ 2009 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ.

އެ އޮފީސް އުފެއްދެވުމަށްފަހު 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެތަނުގެ އެކްޓިންގ ސީއީއޯއަކަށް އެންމެ ފުރަތަމަ އައްޔަނުކުރައްވާފައިވަނީ ފަރީހާ ޝަރީފެވެ.

އެ އޮފީހުގެ ފުރަތަމަ ސީއީއޯއެއްގެ ގޮތުގައި އައްޔަނުކުރެއްވީ ގިނަ އަހަރުތަކެއް ވަންދެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި މުހައްމަދު ހުސައިން މަނިކެވެ.

2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާހިސާބަށް ވެސް އެ މަގާމުގައި ހުންނެވީ މަނިކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް