ހުޅުމާލޭގައި ސްވިމިން ޕޫލް މެމްބާޝިިޕް އުސޫލުން އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.
މި ޕޫލް ބަލަހައްޓާ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ ޕޫލް ބޭނުން ކުރުމަށް ދިވެހިންނާއި ބިދޭސީންނަށް ވަކި އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޕޫލް ބޭނުން ކުރުމުގައި އާއި ބޭނުން ކުރުމަށް ފުރުސަތު ދިނުމުގައި އަމަލު ކުރުމުގެ ގަވައިދެއް އެކުލަވާލާފައިވާ ކަމަށެވެ.
ޕޫލް ބޭނުން ކުރަން ބޭނުންވާ ދިވެހިންގެ މެމްބާޝިޕް ފީ އަކީ މަހަކު 1،500 ރުފިޔާ އަދި ދުވާލަކަށް ނަމަ 150 ރުފިޔާ އެވެ. ބިދޭސީންގެ މެމްބާޝިޕް ފީ އަކީ މަހަކު 3،000 ރުފިޔާ އަދި ދުވާލަކަށް ނަމަ 300 ރުފިޔާ އެވެ.
އެ އެސޯސިއޭޝަނުން ބުނީ ފީ ދައްކައިގެން އާންމުންނަށް ޕޫލް ބޭނުން ކުރެވެނޭނީ ދުވާލަކު އެއް ގަޑިއިރަށް ކަމަށެވެ. އަދި ޕޫލް އާންމުންނަށް ދޫކުރާނީ ފެތުމުގެ ގައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިން އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ.
މަހުން މަހަށް ފީ ދައްކާ ފަރާތްތަކުން ބޭނުންވާ ވަގުތެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު ހަފްތާ ބަންދުގައި ވަކި ވަގުތެއް ކަނޑައެޅުން ނުހިމެނޭނެ ކަމަށާއި އެނޫން ދުވަސް ތަކުގައި ކުރިޔާލައި ބުކް ކޮށްފައިވާ ވަގުތު ބަދަލު ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ހުކުރު އަދި ހޮނިހިރު ދުވަހު ޕޫލް އާންމުންނަށް ދޫކުރުމުގައި ހާއްސަ ކުރާނީ އާއިލާ ތަކާއި ގްރޫޕުތަކަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ. އާންމުންނަށް ޕޫލް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބުކް ކުރަން އެދޭ ތަރުތީބުން ކުރިން ނަން ނޯޓު ކުރާ ފަރާތްތަކަށް އިސްކަން ދީގެންނެވެ.
ޕޫލު ބުކްކުރުމާއި، މެންބާޝިޕްފީ ދެއްކުމަށް ގުޅަން ޖެހެނީ 7800096 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް