ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާކޮށް މަރާލި އިބްރާހިމް އިބްތިހާލްގެ މަރުގެ މައްސަލައިގަ ހުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އިމްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށެވެ. އުމުރުން ތިން އަހަރުގެ އިބްތިހާލް މަރުވީ ލިބުނު ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.
އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ ދައުވާތަކަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިނަމަވެސް ފަހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގެ ޝަރިއަތުގެ އަޑުއެހުންތަން ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 29 ވަނަ ދުވަހަށް ތާވަލު ކުރުމަށް ފަހު އެ ދުވަހުގެ ޝަރީއަތުގައި އާފިޔާ ވަކީލެއްގެ އެހީތެރިމަށް އެދުމުން ވަކީލަކާއި އެކު ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ދުވަހު ހުކުމް އިއްވާފައެއް ނުވެ އެވެ.
އޭގެ ފަހުން މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި އެވެ. މިއަދުގެ ޝަރީއަތުގައި އާފިޔާގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި އިތުރު ބަދަލެއް ނާންނަ ނަމަ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ހޯމަ ދުވަހު ހުކުމް ކުރުން އޮންނާނެ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.
އިބްތިހާލް މަރާލި ކަމަށް އެއްބަސްވުމަށް ފަހު ފަހުން އެކަމަށް އިންކާރު ކުރުމަށް ފަހު ކޯޓުގައި ބުނ ގޮތަށް ދައުލަތުގެ ޚަރަދުގައި އާފިޔާއަށް ހަމަޖައްސައިދިން ވަކީލު ހުސްނީ މުބާރަކް ޚުލާސާ ބަޔާން ހުށަހަޅަމުން މިއަދުގެ ޝަރީއަތުގައި ވިދާޅުވީ، އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސްވީ ޖަލުގައި ތިބި އޮފިސަރުންތަކެއް ބިރު ދެއްކުމުން ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ. އެކަން ނަފީ ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.
އާފިޔާގެ ވަކީލު ވިދާޅުވީ އިބްތިހާލަށް އާފިޔާ އަނިޔާ ކުރަނިިކޮށް އެ މަންޒަރު ފެނުނު އެއްވެސް މީހަކު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ގަސްދު މަރެއް އާފިޔާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާފިިޔާ އަނިޔާކުރި ކަމަށް ބެލިޔަސް، އަނިޔާކުރީ އިބްތިހާލް މެރުމުގެ ނިޔަތުގައި ނޫންކަމަށެވެ.
މީގެ އިތުރުން އެ ހާދިސާގެ ކުރިން އާފިޔާ އަށް ވެސް އެކި ގޮތްގޮތުން އަނިޔާތަކެއް ލިބިފައިވާ ކަން ފާހަގަކޮށް، ވަކީލް ހުސްނީ ވިދާޅުވީ އާފިޔާ އަށް ރައްކާތެރިކަން ދިނުމުގައި ދައުލަތުން އިހުމާލުވި ކަމަށެވެ. އެހެންވެ އޭނާ އެދިވަޑައިގަތީ ފައިސަލާ ކުރަނިވި ހުކުމެއް އިއްވައި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް