މާލޭ ސިޓީން ކުނި ނެގުމަށް ބަދަލު ތަކެއް، އަންނަ މަހުން ފެށިގެން ކުނި ނަގާނީ ދަންވަރު

މާލޭ ސިޓީން ކުނި ނެގުމަށް ބަދަލު ތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ކުނި ނަގާނީ ދަންވަރު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ. ވެމްކޯ އާއި މާލޭ ސިޓ...

24 Dec 2020 | 08:41

މާލޭ ސިޓީން ކުނި ނެގުމަށް ބަދަލު ތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން ކުނި ނަގާނީ ދަންވަރު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލު ގުޅިގެން މިއަދު ބޭއްވި ޕްރެސްގައި މާލޭ ސިޓިގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށްފަހު އަލުން ސްކޫލުތައް ހުޅުވޭއިރު، މާލޭގެ މަގުމަތި ސާފުކޮށް ބެހެއްޓުމަކީ އެ ކައުންސިލުގެ އަމާޒެއް ކަމަށެވެ.

"ދަންވަރު ކުނި ނަގާ ގޮތަށް ބަދަލުކުރުމުން ދަތިތަކެއް ހުރެދާނެ. އެކަމަކު ކުންޏަށް ހައްލެއް ގެންނަން ބޭނުންވޭ." ޝިފާ ވިދާޅުވި އެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީގެ ގޭގޭގައި އުފެދޭ ކުނި ރޭގަނޑު 10:00ގެ ކުރިން ބޭރު ކުރަން ޖެހޭނެ ކަމަށެވެ.

"ކޮންމެ ރެއަކުވެސް ރޭގަނޑު 10:00ގެ ކުރިން ކުނި ކޮތަޅު ބޭރަށް ނެރެން ޖެހޭނެ. އަޅުގަނޑުމެން ކުނި ނަގަން ފަށާނަން 12:00 އިން ފެށިގެން. ފަތިސް ނަމާދުގެ ކުރިން އަޅުގަނޑުމެން އެ ކުނިތައް ނަގައި މަގުތައް ސާފު ކުރާނަން." އާދަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މަސައްކަތަކީ ވެމްކޯގެ މުވައްޒަފުންނަށް ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރޭގަނޑު ނުނިދާ ހޭލައި ތިބެގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

މާލޭގައި މިހާރު ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުން އަންނަނީ މެންދުރު ފަހުންނެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް ގޭގެ ބޭރުގައި ކުނި ކޮތަޅު ބެހެއްޓުމަށް ވެމްކޯއިން ވަނީ އަންގާފަ އެވެ.

ނަމަވެސް މިގޮތަށް އަމަލު ކުރުމުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ޖަމާކުރުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް