އޭޑީކޭ އާއި ލަކްސް ރިސޯޓްސް އަދި ޓީއެމްއޭ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ކޯވިޑް ޓެސްޓަށް ހާއްސަކޮށްގެން ލެބޯޓަރީއެއް ހުޅުވައިފި އެވެ.
މި ލެބޯޓަރީ ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
އޭޑީިކޭ ހޮސްޕިޓަލުން ބުނީ އެ ލެބޯޓަރީގައި ކޯވިޑް-19 ގެ ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުން ކުރާނީ ޖަރުމަނުވިލާޓުގެ އުފެއްދުމެއް ކަމަށްވާ ރޯޗް މަރުކާގެ އެންމެ މަތީ ފެންވަރުގެ ފުލީ އޮޓޮމޭޓެޑް މެޝިނެއް ކަމަށެވެ. އޭޑީކޭ އިން ބުނީ ވީއައިއޭގައި ހުޅުވި ލެބޯޓަރީއާ އެކު އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 2،000 ޕީސީއާރު ޓެސްޓް ހެދޭނެ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ވީއައިއޭގައި ހުޅުވި ލެބްގެ ސަބަބުން ޕީސީއާރު ޓެސްޓް ހެދުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ އެގޮތުން ޓީއެމްއޭގައި ހުންނަ ލެބުން ސާމްޕަލް ނެގުމުގެ އިތުރުން ރިސޯޓުތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ވެސް އެއާޕޯޓްގެ ލެބޯޓަރީއަށް ބަލައިގަންނާނެ ކަމަށް، އޭޑީކޭ އިން ބުންޏެވެ.
ރިސޯޓްތަކުން ގެންނަ ސާމްޕަލްތަކާ ހަވާލުވާން އެއާޕޯޓު ފެރީ ޓާމިނަލްގައި ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.
އޭޑީކޭއިން ދިވެހިންނަށް ޕީސީއާރު ޓެސްޓެއް ހަދައި ދެނީ 1،000 ރުފިޔާ އަށެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓެއް ހަދައި ދެނީ 70 ޑޮލަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް