ދައުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިިމިޓެޑަށް ބަދަލުގެ ގޮތުގައި12 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މިގޮތަށް ހުކުމް ކުރީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތުގެ ފަރާތުން ހައުސިން މިނިސްޓްރީ އާއި ދެމެދު 2018 ވަނަ އަހަރު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުންޏަށް ދައުލަތުން ދައްކަންޖެހޭ 12 މިލިއަން ހޯދުމަށް ދައުލަތުގެ ސީ ލައިފުން ކުރި ދައުވާ އާއި ގުޅިގެން ނެވެ. މި މައްސަލައިގެ ޝަރީއަތް ނިންމައި އެކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ ސީލައިފް އާއި ދިވެހި ދައުލަތާ ދެމެދު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓަކީ ސީ ލައިފުން ކޮށްފައިވާ ހަރަދުތަކާ އެކަށީގެންނުވާ ބޮޑު ބަދަލެއް ނާޖާއިޒު ގޮތުގައި ދިނުމަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެކުލަވާލާފައިވާ ސެޓްލްމަންޓް އެގްރީމެންޓެއްކަމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން އޮން ކޮރަޕްޝަން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ކަނޑައަޅާފައިވާ ކަމަށެވެ. އެ އެގްރީމެންޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު އެކެއް މާޗް 2018 ގައި އެ އެގްރީމެންޓް ބާތިލުކޮށްފައިވާކަމަށް ބުނެ، ދައުވާއަށް ދައުލަތުން އިންކާރުކުރާ ކަމަށެވެ.
ހުކުމުގައި ބުނެފައިވާ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީ ލައިފުން ކޮށްފައިވާ ހަރަދުތައްކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ އަދަދުތަކާއި ދިމާނުވާކަމަށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ސެޓްލްމަންޓްގެ އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާތީ މިއީ ބާތިލުކުރުމުގެ އިހްތިޔާރު ލިބިގެންވާ އެއްބަސްވުމެއްކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ސޮއިކުރިއިރު ހައުސިން މިނިސްޓްރީން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ސައްހަކަމާމެދު މިހާރު ސުވާލު އުފެދި އެ އަދަދުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނީ އެގްރީމެންޓްގައި އޭރު ސޮއިކުރިކުރުމުގެ މައްޗަށް އެކަނި ބަލައި ސެޓްލްމަންޓް އެގްރީމެންޓްގައި ސީ ލައިފަށް ދިނުމަށް އެއްބަސްވެފައިވާ ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތުމުން، ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް 45 މިލިއަން ރުފިޔާ ދޫކަން ޖެހުނީ ސަރުކާރުންނެވެ. މި މައްސަލައިގަ 203 މީހަކު ސީލައިފާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރުމަށް ހުށަހަޅައި މައްސަލަ ހައްލު ކޮށްދީފައި އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އަޅަން ސީ ލައިފާއި ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް