5 މެގަވޮޓް ސޯލާ: ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ގާއިމްކުރާ ސޯލާ ހަކަތައިގެ ނިޒާމް

24 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީއާއި ތައިލޭންޑްގެ އެންސީސް ކޯ ލިމިޓެޑާއި އެކު ސޮއިކުރެވުނީ ތާރިޚީ އެއްބަސްވުމެއްގައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން...

24 Nov 2020 | 18:45

24 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީއާއި ތައިލޭންޑްގެ އެންސީސް ކޯ ލިމިޓެޑާއި އެކު ސޮއިކުރެވުނީ ތާރިޚީ އެއްބަސްވުމެއްގައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން އާއި އެންސީސް ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ ޗުމްޕުލް ޕަޓަނުކުމް ސޮއިކުރެއްވީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނައަދަދަކަށް ޤާއިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމް ޤާއިމުކުރުމަށެވެ. އެއީ ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ޤާއިމްކުރާ 5 މެގަވޮޓްގެ ސޯލާރ ހަކަތައިގެ ނިޒާމެވެ.

މިއީ ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢުގެ ދެވަނަ ފިޔަވައްސެވެ. އެސްޕަޔަރ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭ 1000 ހައުސިންގ ޔުނިޓްގައި 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ.

ތައިލެންޑްގެ އެންސީސް ކޯ ލިމިޓެޑް

1996 ވަނަ އަހަރު ވުޖޫދުވި އެންސީސް ކޯ ލިމިޓެޑަކީ އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަންގެ ވިޔަފާރިއަށް ޚާއްސަ ކުންފުންޏެކެވެ. އެންސީސްގެ ބެނާގެ ދަށުން އިޢާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކެއް މިކުންފުނިންވަނީ ތައިލޭންޑްގައި ހިންގާފައެވެ. ލިންކް ރޯޑުގައި 5 މެގަވޮޓް ސޯލާ ޕީވީގެ ނިޒާމެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ކުރި ކުރި އީއުލާނަށް 21 ކުންފުންޏަކުން ވަނީ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ. ވާދަވެރި ބީލަމެއްގެ ދަށުން އެންސީސް ކޯ އަށް މި މަޝްރޫޢު ލިބުނީ ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތައް ކަރަންޓް ގަންނަން ލިބޭ އެންމެ ކުޑަ އަގު ހުށަހަޅައިގެންނެވެ. ހަމައެޔާއެކު މި ކުންފުންޏަކީ މިފަދަ މަޝްރޫއެއް ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ހުރި ކުންފުންޏެއްތޯ ބީލަން އިވެލުއޭޓް ކުރި މަރުހަލާތަކުގައި ވަނީ ބަލާފައެވެ.

މި މަޝްރޫއަށް ދިވެހި ސަރުކާރުން ފައިސާ ޚަރަދު ކުރާނެތަ؟

ވޯލްޑްބޭންކުގެ އެހީގައި ހިންގާ އެސްޕަޔަރ މަޝްރޫޢުގެ އެއް ބޭނުމަކީ ހަކަތައިގެ ދާއިރާއަށް ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢަށް ދިވެހި ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދެއް ނުކުރާނެއެވެ. ވޯލްޑްބޭންކްގެ ގެރެންޓީ މެކޭނިޒަމްގެ ދަށުން މަޝްރޫޢަށް ޚަރަދުކުރާނީ އިންވެސްޓަރެވެ. އިންވެސްޓަރަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމަށް ޖާގަ ފޯރުކޮށްދެނީ ދިވެހި ސަރުކާރުންނެވެ. އެ ޖާގައިގައި އިންވެސްޓަރު ދެފަރާތް އެއްބަސްވާ މުއްދަތަކަށް ސޯލާ ޕީވީން ކަރަންޓް އުފައްދައި އެ ކަރަންޓް ވިއްކާނީ ސްޓެލްކޯއަށެވެ.

މި މަޝްރޫޢޫގެ ސަބަބުން ސްޓެލްކޯއަށް އޮތީ ކޮން ފައިދާއެއް؟

އާއްމު ގޮތެއްގައި ކަރަންޓް ޔުނިޓެއް އުފެއްދުމަށް ހޭދަވާނެ ކަމަށް އަންދާޒާކުރެވެނީ 23  ޔޫއެސް ސެންޓާއި 33 ޔޫއެސް ސެންޓާއި ދެމެދު އަދަދެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ. 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށް އެ ނިޒާމުގެ ތެރެއިން އިރުގެ އަލިން އުފައްދާ ކަރަންޓް ޔުނިޓެއް ސްޓެލްކޯއަށް ވިއްކުމަށް އެންސީސް ކުންފުނީން އެބްސްވެފައިވާ އަދަދަކީ 10.09 ޔޫއެސް ސެންޓެވެ. އެހެންކަމުން މިއީ މިހާރުވެސް ކަރަންޓް ޔުނިޓެއް އުފެއްދުމަށް ބޭނުންވާ އަގަށްވުރެ ދެބައިކުޅަ އެއްބަޔަށްވުރެވެސް އަގުހެޔޮ އަދަދެކެވެ. އަދި މިއީ އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާރ ނިޒާމުން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދަށް ވުރެ ވެސް ހެޔޮ އަގެކެވެ. ޗައިނާގެ ސީމެކް ކުންފުނިން ހުޅުމާލޭގައި ސޯލަރ ޕީވީގެ ނިޒާމު ބޭނުންކޮށްގެން އުފައްދާ ކަރަންޓް ޔުނިޓެއް ސްޓެލްކޯއަށް ވިއްކަނީ 21 ޔޫއެސް ސެންޓަށެވެ. ހަމައެޔާއެކު 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކޮށް އޭގެއިން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ބޭނުންކުރަން ފެށުމުން އެކުންފުނީން ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ތެލުގެ ތެރެއިން އަހަރަކަށް 2 މިލިއަން ލިޓަރުގެ ޑީސަލް ފިއުލް ބޭނުންކުރުން ނުޖެހޭނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ލަފާކުރެއެވެ. އެހެންކަމުން މިއީ ސްޓެލްކޯއަށް ފައިދާ ބޮޑު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނެތަ؟

ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމުގެ ވާހަކައިން އާންމު ރައްޔިތުންގެ ހިތުގައި އަބަދުވެސް ދައުރުވާ އެއް ސުވާލަކީ އެފަދަ މަޝްރޫޢެއްގެ ސަބަބަން ކަރަންޓް ބިލު ކުޑަވާނެތޯއެވެ. ސަބަބަކީ ސޯލަރ އަކީ ތެލުގެ ބަދަލުގައި އިރުގެ އާވިން އުފައްދާ އެއްޗަކަށްވެފައި ރާއްޖޭގައި މި ފަދަ ގިނަ މަޝްރޫއުތައް ހިންގުނު އިރު އޭގެ ސަބަބުން އާންމު ރައްޔިތުންގެ ކަރަންޓް ބިލުން އެ ބަދަލު ނުފެންނަ ކަމީ އާއްމު ޝަކުވާއެކެވެ. ނަމަވެސް މިކަމުގައި ވިސްނަން ޖެހޭ ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ދައުލަތުގެ ބަޖެޓުން ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޭދަވަނީ ކަރަންޓްގެ އަގު ހަމައަގެއްގައި ހިފެހެއްޓުމަށްޓަކައި ދެވޭ ސަބްސީޑީއަށެވެ. ކަރަންޓަށްދޭ ސަބްސީޑީ ހުއްޓާލައިފިނަމަ ކަރަންޓްގެ އަގު ހުންނާނީ ފާލުން ނެއްޓިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ދިވެހި ދައުލަތުން އަހަރެއްގެ މައްޗަށް ކަރަންޓް ސަބްސިޑީގެ ގޮތުގައި 65 މިލިއަން ޔޫއެސް ޑޮލަރު ހޭދަކުރައެވެ. ދެވަނަ ކަމަކީ ކަރަންޓް އުފެއްދުމަށްޓަކައި ދައުލަތުން ތެލަށް ކުރާ ހޭދައެވެ. ތަފާސްހިސާތުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު، 465 މިލިއަން ޔޫއެސް ޑޮލަރު ތެލުގެ އިމްޕޯޓަށް ޚަރަދުކުރިއެވެ. އެއީ ޖީޑީޕީގެ 10 އިންސައްތައެވެ. ވޯލްޑްބޭންކުގެ އެހީގައި ހިންގާ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ޚަރަދު ކުޑަވެގެންދާނީ ދައުލަތަށެވެ. 5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ޤާއިމްކުރުމުން ދައުލަތަށް އަހަރެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ސަލާމާތްކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ލަފާކުރެއެވެ.

އެންވަޔަރަންޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި ސޯލާ ޕީވީގެ ނިޒާމު ބޭނުންކޮށް ގޭގެ ކަރަންޓް ބިލު ކުޑަކުރޭނެ މަގު ޤާވާއިދެއްގެ ދަށުން މިހާރުވަނީ ފަހިވެފައެވެ. އެއީ ނޭޓް މީޓަރިންގް ގެ ޤަވާއިދެވެ. ނެޓްމީޓަރިންގ ޤަވާއިދުގެ ދަށުން އާއްމު ފަރާތްތަކަށް އަމިއްލަޔަށް ސޯލާރ ޕެނަލް ހަރުކޮށް އޭގެއިން ކަރަންޓް އުފެއްދުމަކީ ކަރަންޓް ބިލު އަދަދު ކުޑަކުރެވޭނެ މަގެކެވެ.

ހުޅުލެ – ހުޅުމާލެ ލިންކް ރޯޑް

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމްކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ. އަދި ހަމައެޔާއެކު ސޯލަރ ޕެނަލް ހަރުކޯށްފައިވާ ސްރަކްޗަރގެ ތިރި ގަސްހެއްދުން ނުވަތަ އެފަދަ އެހެން ބޭނުމަކަށް ބޭނުންކުރެވޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗައަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ކަރަންޓް އުފައްދާ ކުންފުނީގެ ޒިންމާއެކެވެ.

ހުޅުލެ – ހުޅުމާލެ ލިންކް ރޯޑުގައި ޤާއިމްކުރާ 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމެގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެސްޕަޔަރ މަޝްރޫޢަކީ ކޮބާ؟

އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެއެވެ.

މި މަޝްރޫޢު ހިންގުމުގައި ބޭނުން ކުރެވޭ "ޕަވަރ ޕާރޗޭސް އެގްރީމަންޓް" (ޕީ.ޕީ.އޭ) މޮޑެލް އެކުލަވާލެވިފައިވަނީ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާގޮތަށް ވިސްނައިގެން ވާރލްޑް ބޭންކާއި ސަރުކާރުގެ އެކި ދާއިރާތަކާ އެކު ވަރަށް ގިނަ މަޝްވަރާތައް ކުރެވިގެންނެވެ. މިގޮތުން ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ތެޔޮބޭނުން ކުރަންޖެހޭ މިންވަރު މަދުކުރެވި ކަރަންޓް އުފައްދަން ކުރާ ޙަރަދު ކުޑަވުމާއި، އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ދައުލަތުން ކުރަންޖެހޭ ބޮޑުހޭދައިގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވަމުންދާ މިންވަރު ކުޑަވުމާއި އޭގެ މެއިންޓެނަންސް އަށް ކުރާ ޙަރަދު ކުޑަވުމާއި، ސޯލާ ޕެނަލް ޖެހުމަށް ޙަރަދު ކުރަން ނުޖެހުމާއި، އަދި ސޯލާ ޕްލާންޓް އޮޕަރޭޓްކޮށް ބަލަހަށްޓަން ނުޖެހުމާއި، ތެލުގެ އަގަށް އަންނަ ބަދަލަކާއި ގުޅިގެން ކަރަންޓް އުފައްދާ އަގަށް އަންނަ ކުއްލި ބަދަލުތައް ކުޑަވުމާއި، މިކަމާއި ގުޅިގެން ދައުލަތުން ސަބްސިޑީގެ ގޮތުގައި ހޭދަކުރަންޖެހޭ މިންވަރު ކުޑަވުމުގެ ސަބަބުން ރައްޔިތުންގެ އަސާސީ އެހެނިހެން ކަންކަމަށް ޙަރަދުކުރާނޭ ފައިސާ އިތުރުވުމާއި، ބައިނަލްއަޤުވާމީ ފޯރަމްތަކުގައި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރުމަށް ލިބޭ ބާރަކަށްވުމާއި އަދި މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ހިލޭ އެހީތައް އިތުރުވެގެން ދިއުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް