އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ހަދަން ރެއިންބޯ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފި އެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާޓުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.
ޑިޒައިން އެންޑް ކޮންސްޓްރަކްޝަންގެ އުސޫލުން ހަދަން ހަވާލުކުރި މި މަޝްރޫއު ރެއިންބޯ ކޮންސްޓްރަކްޝަނުން ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
އެ ސެންޓަރަކީ 60 މީހުންގެ ޖާގައިގެ ތަނެކެވެ. އަދި 30 މީހުން ބައިތިއްބައިގެން ފަރުވާ ދޭނެ ޖާހަ އެތަނުގައި ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
އެ ސެންޓަރު ހަދާ ނިމޭއިރު ޑޮކްޓަރަށް ހާއްސަ ކޮޓަރިއަކާއި ނަރުހުންގެެ ސްޓޭޝަނަކާއި ކައުންސިލަރުންނަށް ހާއްސަ ކޮޓަރިއެއް ވެސް ހަދާނެ އެވެ. އަދި ކްލިނިކަލް އޮފީހަކާއި ފަސް ކޮޓަރީގެ ސިކް ބޭ އެއް ވެސް ހުންނާނެ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެހީގައި އެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް 7.1 މިލިއަން ރުފިޔާ ހަރަދު ކުރާއިރު އިންޑިއާއިން 7.9 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 15،099،509 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް